މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
ރާއްޖޭގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ފަސޭހައިން، އަދި އަވަހަށް ދޫވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އެގޮތުން މި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ކޯޓުތަކުން ވަރަށް އަވަހަށް ދޫވާ ކަމަށާއި، އެމީހުން ރާއްޖެއިން ބޭރަށް ފުރައިގެންދާއިރު އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ. އަދި ބޭރުގެ ނެޓްވޯރކްތަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ވިޔަފާރި ފުޅާކުރާކަން މަސައްކަތް ކުރަމުންދާކަން ވެސް އާދަމް ޝަރީފް މިއަދުގެ ޖަލްސާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މެމްބަރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ކަމަށާއި، މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވާ މިންވަރަށް މިހާރު ރާއްޖޭގައި ޑްރަގްގެ ބިރުވެރިކަން އެބައޮތްކަމަށެވެ. އަދި މިހާރު ޑްރަގްގެ ވިޔަފާރި ސިފަކުރެވެނީ ސްޓޭޓުން ސްޕޮންސަރކޮށްފައިވާ ވިޔަފާރިއެއްގެ ގޮތުގައިކަމަށްވެސް މެމްބަރ ވަނީ ތުހުމަތު ކުރަށްވާ ފައެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ވަޑައިގެން ތިއްބެވި 32 މެމްބަރުންގެ ތެރެއިން ވޯޓު ނެގުމުގައި 27 މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް މުޅިއެކު 23 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މެމްބަރު އާދަމް ޝަރީފް މަޖިލީހަށް މަސްތުވާތަކެއްޗާ ބެހޭ ކުއްލި މައްސަލަ ހުށަހަޅުއްވާފައިވާއިރު، ދާދި ފަހުން އަތުލައިގެން 100 ކިލޯއަށް ވުރެގިނަ މަސްތުވާތަކެތީގެ މައްސަލައިގައި 10 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރެއިން ޑްރަގް އެތެރެ ކުރުމުގައި އިސްކޮށް ހިމެނޭ 2 މީހަކު ކޯޓުން ދޫކޮށްލާފައިވާއިރު، ދެން ތިބި 8 މީހުންނަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. އަދި މީގެކުރިން އަތުލައިގެން ޑްރަގް ނެޓްވޯކެއްގައި ހިމެނޭ ބަޔަކު ކޯޓުން ދޫކޮށްލުމުން އެމީހުން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ކަމަށް ބުނާ ޚަބަރެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިކަމާމެދު ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން