މީގެ 6 އަހަރު ކުރިން ސިފައިންނާ ހަވާލުކުރި ސީ އެމްބިއުލާންސްތަކަކީ ކުރީގައި ހޮސްޕިޓަލުތަކުގައި ބޭނުންކުރަމުން އައި އުޅަނދުތައް ކަމަށާއި، އެ އުޅަނދުތައް މިހާރު ހުރީ ބޭނުން ނުކުރެވޭ މިންވަރަށް ބާވެ، މަރާމާތު ކުރަން ޖެހިފައި ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އއ. އަތޮޅު ހޮސްޕިޓަލަށް ވަސީލަތްތައް ފުރިހަމަ، އައު ސީ އެމްބިއުލާންސެއް ލިބޭނީ ކޮން ތާރީޚެއްގައިތޯ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ކުރެއްވި ސުވާލަކަށް ލިއުމުން ދެއްވި ޖަވާބުގައެވެ.

މިސުވާލަށް ލިޔުމުން ޖަވާބުދެއްވަމުން މާރިޔާ ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް، އެމްއެންޑީއެފުން ސީއެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ އެންމެ ރަނގަޅަކަށް ކަމަށެވެ. އެހެންނަމަވެސް މި ޚިދުމަތް ސިފައިން ފޯރުކޮށްދެމުންދަނީ ގިނަ ދަތިތަކަކާއި، ގޮންޖެހުންތަކަކާއި އެކުކަން މިނިސްޓަރ މަޖިލީހަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.

އެގޮތުން މިނިސްޓަރ މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ސީ އެމްބިއުލަންސްގެ ޚިދުމަތް ފެއްޓުމަށްޓަކައި 2015 ވަނަ އަހަރު ހޮސްޕިޓަލުތަކުގައި ބޭނުން ކުރަމުން އައި އެމްބިއުލަންސްތައް އެމްއެންޑީއެފާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހަވާލު ކުރި އެ އުޅަނދުތަކަކީ ގިނަ ދުވަސްވެ، ހާލަތު ދަށްވެފައިވާ އުޅަނދުތަކެއް ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މުޅި ސީއެމްބިއުލާންސް ފްލީޓަށް ބަލާއިރު މިހާރުވެސް ގްރައުންޑް ކުރެވިފައިވާ އުޅަނދުތައް އިތުރުވުމާއި ހާލަތު ދަށްވުމުގެ ސަބަބުން ވަރަށް ކައިރި މުސްތަގުބަލެއްގައި ދޫކޮށްލަން ޖެހޭނެ އުޅަނދުތައް ގިނަ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.

އަދި ބަޖެޓުގެ ތާށިކަމުން އެތަކެތި ދޫކޮށްލެވެން ނެތްކަމަށާއި، ސީއެމްބިއުލާންސްތައް މަރާމާތު ކުރުމަށާއި، ބާވެ ހާލަތު ދަށްވެފައިވާ އުޅަނދުތައް ބަދަލުކުރެވޭނެ މިންވަރަށް ބަޖެޓު ލިބިފައި ނުވާކަމަށްވެސް މި ސިޓީގައި މިނިސްޓަރ ފާހަގަކުރައްވާފައި ވެއެވެ.

މާރިޔާ ވިދާޅުވީ އއ. ހޮސްޕިޓަލަށް އައު ސީއެމްބިއުލާންސެއް ލިބޭނީ އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ކަމަށެވެ. އަދި ފައިސާ ލިބުމުން ހަ މަސްދުވަހުގެ ތެރޭގައި ސީ އެމްބިއުލާންސް ހަމަޖެހިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން