އަފްޣާނިސްތާނުގެ އަވަށެއް ކަމުގައިވާ ނަންގަރްހާރްގައި އޮތް ކައިވެނި ޕާޓީއެއްގައި މިއުޒިކް ކުޅުމުން ޠާލިބާނު ސިފައިން އެ ހަފްލާއަށް ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

މިކަމާ ގުޅިގެން މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ޠާލިބާން ސިފައިން އެ ހަފްލާއަށް ބަޑީގެ ހަމަލާ ދީފައިވަނީ މިއުޒިކް ކުޅުން ހުއްޓާލުމަށް ބުނުމަށްފަހު ކަމަށެވެ. އަދި މި ބަޑީގެ ހަމަލާގައި ދެ މީހުން މަރުވެފައިވާއިރު، މި ހަމަލާގެ ކުރިން ޠާލިބާނު ސިފައިންނާއި ހަފްލާގެ ބައިވެރިންނާ ދެމެދު ވަނީ ހަމަނުޖެހުމެއް ހިނގައިފައި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ނަންގަރްހާރުގެ ގަވަނަރު ވަނީ ބަޑީގެ ހަމަލާއެއް ހިނގިކަން ކަށަވަރު ކޮށްދީފައެވެ. އަދި މިކަމާ ގުޅިގެން ޠާލިބާނު ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވަނީ ޠާލިބާނުންގެ ސިޔާސަތަކީ މިއުޒިކް ކުޅޭ މީހުން ނޫން ކަމަށް ބުނެ މާފަށް އެދިފައެވެ.

އެގޮތުން ޒަބީހުﷲ ވިދާޅުވީ މީހަކު އެހެން މީހަކު މަރައިފިނަމަ އެއީ ކުށެއް ކަމަށެވެ. އަދި މިކަން ހިނގި ގޮތް ރަނގަޅަށް ބަލައި ހައްގު އަދަބު ދޭނެ ކަމަށް ވެސް ޒަބީހުﷲ ވަނީ ވިދާޅުވެފައެވެ.

މީގެކުރިން ޠާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު ވެސް އެ ޖަމާއަތުން ވަނީ މިއުޒިކް ކުޅުން މަނާކޮށް އެ އަމުރާ ދެކޮޅަށް އަމަލުކުރާ ފަރާތްތަކަށް އަދަބު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން