އަލްހާން ފަހުމީ (ކ) އާއި، ޑރ. މުޢިއްޒު (ވ)
އަލްހާން ފަހުމީ (ކ) އާއި، ޑރ. މުޢިއްޒު (ވ)
މަގުމައްޗަކީ ޕްރައިވެޓް ޕާރކިންގ ޒޯނަކަށް އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.

ސިޓީ ކައުންސިލުން ދޫކުރާ ޕާކިން ސްލޮޓްތައް ވެހިކަލް ގަރާޖު ތަކެއްގެ ގޮތަށް ބަދަލުކޮށް އަހަރަކަށް 25000 ރުފިޔާގެ ރޭޓުން ވިއްކަން އެ ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން މާލެއިން ވިއްކާ ސްލޮޓްތައް ލިބޭނީ ވެހިކަލްގެ އުމުރަށް ބަލައިގެންކަމަށާއި އެއްވެސް މަޝްރޫއަކާއި ހުރެ އެތަން ނަގަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެހެން ތަނަކުން ސްލޮޓް ހަމަޖައްސައިދޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން އެފަދަ ނިންމުމެއް ނިންމާފައިވާއިރު އަލްހާން ފަހުމީ މިއަދު ވިދާޅުވީ މަގުމައްޗަކީ ދާއިމީ ޕްރައިވެޓް ޕާރކިންގ ޒޯނަކަށް އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އަދި މާލެ ފުރިއްޖެ ކަމަށް ވިދާޅުވެ މާލޭގައި އިތުރަށް މީހުން އާބާދުކުރުން ހުއްޓާލުމަށްވެސް އަލްހާން ވަނީ ގޮވާލަށްވާފައެވެ.

"މާލެ ފުރިއްޖެ! ތޮއްޖެހި ބާރުވެއްޖެ! ފުރަ މާލޭގައި އިތުރަށް ފްލެޓް އަޅާ މީހުން އާބާދުކުރުން ހުއްޓާލަންޖެހޭ!" އަލްހާން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ސިޓީ ކައުންސިލުން ބުނެފައިވަނީ ގަރާޖުގެ ގޮތުގައި ޕާކިން ސްލޮޓް ދޫކުރުމަށްޓަކައި މާލޭގައި ހުރި 20 ފޫޓަށް ވުރެ ފުޅާ މަގުތަކުން ޖާގަ ނަގާނެކަމަށެވެ. މިގޮތުން މިހާރުވެސް ބައެއް މަގުތައް ބަލަމުންދާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ މި އުސޫލަށް އަމަލުކުރަން ފެށުމާއެކު މާލޭގެ މަގުތަކަށް ދިމާވެފައިވާ ޕާކިން މައްސަލަތަކަށް ހައްލެއް ލިބި ގަރާޖު ނެތް ވެހިކަލްތައް މަދުވާނެކަމަށެވެ.

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައާއި ވެހިކަލްތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި ސިޓީ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މާލޭގެ މަގުތަކުގައި ހުރި، ބާވެފައިވާ ވެހިކަލްތައް ނަގާ، ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށްގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން