ރައީސް ނަޝީދު ކޮޕް26 ލެޖިސްލޭޓަރސް ސަމިޓުގައި
ރައީސް ނަޝީދު ކޮޕް26 ލެޖިސްލޭޓަރސް ސަމިޓުގައި
ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތައް ދުނިޔޭގެ ޗާޓުން ފޮހެވިގެން ދިޔަ ނުދީ، މިފަދަ ގައުމުތައް ސަލާމަތްކުރުމަށް ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަކީ މުހިންމުކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮޕް26 ގެ ލެޖިސްލޭޓަރސް ސަމިޓުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް މާ ބޮޑަށް އަސަރު ކުރާކަމަށެވެ. އެގޮތުން ރާއްޖެއަކީ ވަރަށް ތިރީގައި އޮންނަ ގައުމެއް ކަމުން ކަނޑުގެ ލޮނުގަނޑު އުފުލޭ ވަރަކަށް ރަށްތައް ގިރުން ފަދަ ކަންކަން މިހާރު ދަނީ ރާއްޖެއިން ފެންނަމުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އަހަރުތަކެއް ކުރިން ނުފެންނަ އެތައް ކަމެއް މިހާރު ފެންނަމުންދާކަމަށާއި، އޭގެތެރޭގައި، ހުއްޓާނުލާ ވިއްސާރަވެހުން، ހޫނު ގަދަ މޫސުން ދިގު މުއްދަތަކަށް ދެމިގެންދިއުން، އަދި މުރަކަތައް މަރުވުން ފަދަ ކަންކަން ފެންނަކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް ކޮޕް26 އަކީ އެންމެ އެކަށޭނެ ޕްލެޓފޯމްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ދެމެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ލިބޭ އެންމެ ފަހު ފުރުސަތަށްވުންވެސް އެކަށީގެންވާ ކަމަށެވެ.



މި ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް ޤައުމުތަކުގެ މަޖިލީސްތަކަށް ގިނަ މަަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅު ރާއްޖެއިން މަދުކުރުމަށް ކުރި މަސައްކަތް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މަޖިލީހުން ފާސްކުރި ޤާނޫނާއެކު ރާއްޖެއަށް އެތެރެކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކުހެއް ނަގަން ވަނީ ނިންމާފައިކަމަށެވެ.

އެހެންކަމުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތައް ދުނިޔޭގެ ޗާޓުން އެއްކޮށް ފޮހެވިގެން ދިޔަ ނުދިނުމަށް ކޮޕް26 ސަމިޓް ނިމުމުގެ ކުރިން މިކަންކަމަށް ހައްލުހޯދުމަށް މުހިންމު ނިންމުންތަކެއް ނިންމަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން