އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ކޮޕް26 ގައި މުހާތަބް ކުރައްވަމުން ދަނިކޮށް
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ކޮޕް26 ގައި މުހާތަބް ކުރައްވަމުން ދަނިކޮށް
މޫސުމީ ބަދަލުތަކާ އެކު ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތައް ޗާޓުން ފޮހެވިގެންދާނެ ކަމުގެ ބިރު އޮތްކަން ފާހަގަ ކުރައްވައި، މިކަން މިގޮތަށް ވިޔަނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފިއެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިޔަށްދާ ކޮޕް26 ކޮންފަރެންސްގައި، ހޯމަ ދުވަހު މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އޮބާމާ ވިދާޅުވީ 2015 ވަނަ އަހަރު ބޭއްވި ކޮޕް ބައްދަލުވުމުގައި، ހެދި ޕެރިސް އެގްރިމެންޓަކީ ކުދި ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކާތެރި ކަމުގެ ވާހަކައިން އެއްބަސްވެވުނު އެއްބަސްވުމެއްކަމަށެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ދެމެހެއްޓުމަށް ގައުމުތަކުން އެއްބަސްވެފައިވާކަމަށް އޮބާމާ ވިދާޅުވިއެވެ.

އެހެންކަމުން މޫސުމީ ބަދަލުތަކުގެ އަސަރު ޖަޒީރާ ރަށްތަކަށް ކުރަނީ ވަރަށް ބޮޑަށް ކަމަށް ފާހަގަކުރައްވަމުން އޮބާމާ ވިދާޅުވީ، އެ މަނިކުފާނު ވެސް ބޮޑުފުޅުވަމުން އައީ ހަވާއީގައި ކަމުން މި މަންޒަރުތައް ވަރަށް ގާތުން ފެނިވަޑައިގެންފައި ވާކަމަށެވެ. އަދި ލަސްނުކޮށް މިހާރުން މިހާރަށް މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ އެކަށޭނެ ފިޔަވަޅުތައް އަޅަންޖެހޭކަމަށް އޮބާމާ ވިދާޅުވިއެވެ.

ކޮޕް26 ކޮންފަރެސްގައި ބައިވެރިވާ ކުދި ޖަޒީރާ ގައުމުތަކުގެ ލީޑަރުން ވަނީ އެމެރިކާ އަދި މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތަކަށް ކޮންމެ އަހަރަކު ދޭން ވައުދުވެފައިވާ 100 ބިލިއަން ޑޮލަރާ އެއްގޮތަށް މޫސުމީ އެހީތެރިކަން ނުދޭކަންވެސް މި ސަމިޓްގައި ފާހަގަކޮށްފައެވެ.

ކޮޕް26 ކޮންފަރެންސަށް އޮބާމާ ވަޑައިގެންނެވީ ހޯމަ ދުވަހުއެވެ. އަދި ޕެރިސް އެގްރިމެންޓްގައި ހުރި ކަންކަމާ ގުޅޭގޮތުން އެ މަނިކުފާނު ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. ވަކިން ޚާއްސަކޮށް ޕެރިސް އެގްރިމެންޓްގެ ފަހުން ފާއިތުވި 6 އަހަރުގެ ތެރޭގައި ހާސިލުކުރެވުނު ކަންކަމާއި އަދި ނުކުރެވި ހުރި ކަންކަމަށް އަލިއަޅުވާލައްވައި އެކަންކަން ފުރިހަމަކުރުމަށް އޮބާމާ ގެންދަވަނީ މަސައްކަތް ކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން