ދުނިޔެ ހޫނުވުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރާ ދެ ގައުމުކަމުގައިވާ އެމެރިކާއާއި ޗައިނާއިން، ދުނިޔެ އިތުރަށް ހޫނުވެގެންދިޔަ ނުދިނުމަށް އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯގައި މި މަހުގެ 12 ގެ ނިޔަލަށް ކުރިއަށްދާ ކޮޕް26 ސަމިޓްގައި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމާ ދޭތެރޭގައި، ދުނިޔެއަށް އެންމެ ގިނައިން ވިހަ ގޭސް ދޫކުރާ ބޮޑެތި ގައުމުތަކުގެ ހަރުދަނާ ނިންމުންތަކެއް އަދި މިހާތަނަށް ފެނިފައެއްނުވެއެވެ. ނަމަވެސް ފަހުވަގުތުގައި އެމެރިކާ އަދި ޗައިނާއިން ވަނީ ދުނިޔެ އިތުރަށް ހޫނުވެގެންދިޔަ ނުދިނުމަށް އެއްބަސްވުމެއް އެކުލަވާލާފައެވެ.

އެގޮތުން، މި ދެ ގައުމުން އެއްބަސްވެފައިވަނީ، މީތޭން ބޭރުކުރުން ހުއްޓުމަށާއި، ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ނިމުމަކަށް ގެނައުމާށާއި ޖަންގަލިތައް ހިމާޔަތްކުރުމަށެވެ. މިއީ މިފަހަރުގެ ސަމިޓްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވާ ނިންމުންތަކެވެ.

މިއެއްބަސްވުންތަކުގެ ފްރޭމް ވޯރކް ހާމަކުރަމުން އެމެރިކާގެ ކްލައިމެޓް އެންވޯއީ ޖޯން ކެރީ ވިދާޅުވީ ދެ ގައުމު ގުޅިގެން ކޮޕް26 ކޮންފަރެންސް ކާމިޔާބު ކޮންފަރެންސަކަށް ހެދުމަށް މުހިންމު ނިންމުންތަކެއް ވާނީ ނިންމާފައިކަމަށެވެ. އަދި މީގެތެރޭގައި، ހާސިލުކުރާނެ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާއިރު، މިކަންކަން ހާސިލުކުރުމަށް ގިނަ ދުވަސްތަކެއް އެބައޮތް ކަމަށްވެސް ކެރީ ވިދާޅުވިއެވެ.

މީގެއިތުރުން ޗައިނާގެ ކްލައިމެޓް އެންވޯއީ ޒީ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް ފެނިގެންދާނެކަމަށާއި، ދެ ގައުމު ގުޅިގެން ކޮޕް26 ކާމިޔާބު ކޮންފަރެންސަކަށް ހެދުމަށް ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

މިއެއްބަސްވުމުގައިވާ ގޮތުން ޗައިނާއިން، ބޯޓުދެލި އެންދުން 5 އަހަރު ދުވަހުގެ ތެރޭގައި ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާނެއެވެ. އެގޮތުން 2026 އިން 2030 އަށް މިލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރާއިރު މި މުއްދަތުގެ ތެރޭގައި މީތޭން ޖައްވަށް ދޫކުރުން އެއްކޮށް ޗައިނާއިން ހުއްޓާލާނެއެވެ.

ޗައިނާއާއި އެމެރިކާގެ މިއެއްބަސްވުމަކީ އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

އެމެރިކާއާއި ޗައިނާގެ މިނިންމުމަކީ އުންމީދުގެ ހުޅުކޮޅު އިތުރަށް ދިއްލުނުކަމެއްގެ ގޮތުގައި އީޔޫގެ ކްލައިމެޓް ޗީފް ފްރޭންސް ޓިއްމަމެންސް ވަނީ ފާހަގަކުރަށްވާފައެވެ. މި ނިންމުމާއެކު ކޮޕް26 ވެގެންދާނީ ކާމިޔާބު ކޮންފަރެންސަކަށް ކަމުގައި ބެލެވޭކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން