އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު މުނު މަހާވަރް ރައީސްއަށް ފަތްކޮޅު އަރުވަނީ
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު މުނު މަހާވަރް ރައީސްއަށް ފަތްކޮޅު އަރުވަނީ
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު ހިޒް އެކްސަލަންސީ މުނު މަހާވަރް، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

އެމަނިކުފާނު ސަފީރު ކަމުގެ ފަތްކޮޅު އެރުވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ އިންޑިއާ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ.

ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އިންޑިއާގެ އައު ސަފީރު ވަނީ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ތަޢުރީފު ކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމުގައި ހޯދާފައިވާ ގިނަގުނަ ކުރިއެރުންތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ސަފީރު ވަނީ ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި އިތުރަށް އެއްބާރުލުމާއި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ކުރިއަށްގެންދަވަމުން، 2070 ވަނަ އަހަރު އަންނަންވާއިރަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ނެޓް ޒީރޯއަށް ދަށްކުރާނެ ކަމަށް، ކޮޕް26 ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވާތީ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އާ ސަފީރަށް އެމަނިކުފާނު ސަފީރުކަމާއި ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން ހެޔޮއެދުންތައް އަރިސްކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާކަމުގައި ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން