ނޮވެމްބަރު މަހުގެ މިހާތަނަށް 109،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މިއަހަރުގެ ނޮވެމްބަރ މަހުގައި 109،315 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު 2019 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 103،981 ފަތުރުވެރިންނެވެ. އެހެންކަމުން 2019 ވަނަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ އެމުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިވަނީ 5.1 އިންސައްތަ އިތުރުވެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވަނީ ނޮވެމްބަރު މަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް 4،753 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1،122،243 އަށް އަރާފައެވެ. ފާއިތުވި ޖުލައި މަހުން ފެށިގެން ކޮންމެ މަހަކުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ އެއް ލައްކައަށް ވުރެ މަތީގައެވެ.

ފަތުރުވެރިކަމާބެހޭ ތަފާސް ހިސާބަށް ބަލާއިރު މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް 101،818 ފަތުރުވެރިން އައިސްފައިވާއިރު، އޮގަސްޓު މަހު ވަނީ 143،599 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި ޖެހިގެން އައި ސެޕްޓެމްބަރު މަހު 114،896 ފަތުރުވެރިން އަދި އޮކްޓޯބަރު މަހު 142،066 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށަފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރަޝިއާއިން އައިއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޖަރުމަނުންނެވެ. މީގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔަ، ސްޕެއިން، ޔޫކްރެއިން، ފްރާންސް އަދި ސްވިޒަރލޭންޑް ވެސް ވަނީ މި ލިސްޓުން ޖާގަ ހޯދާފައެވެ.

2020 ވަނަ އަހަރުގެ ޖުލައި 15 ގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަތް ފަހުން މިއަދާ ހަމައަށް އައިއިރު، 910 ޓުއަރިސްޓު ފެސިލިޓީއަކުން ޚިދުމަތް ދެމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ތެރޭގައި 160 ރިސޯޓު، 596 ގެސްޓްހައުސް، 144 ސަފާރީ، އަދި 10 ހޮޓާ ހިމެނެއެވެ.

މިއަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅީ މިއަހަރު ނިމުމުގެ ކުރިން 1 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިދިޔަ އޮކްޓޯބަރު މަހު 29 އަށް އެ އަމާޒަށް ވާސިލުވެވިފައިވާތީ، މިހާރު ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން