ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯން އަކީ ވޭރިއަންޓް އޮފް ކޮންސަރން ގެ ގޮތުގައި މިހާރު ވާނީ ހިމަނާފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯގެ މާހިރުން ހިމެނޭ ޓީމަކުން ވަނީ މިވޭރިއަންޓްގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ދިރާސާތަކެއް ކޮށްފައެވެ. އެއަށްފަހު ޑަބްލިޔުއެޗްއޯއިން ބުނީ މިއީ ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު އަދި ކޮވިޑް-19 ފެތުރެމުން އަންނަ ގޮތަށް ވަރަށް ބޮޑަށް އަސަރުކުރުވާނެ ވޭރިއަންޓެއްކަމަށެވެ. އަދި ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ހަލުވިކަމާއެކު މި ވޭރިއަންޓް ފެތުރޭނެކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ފާއިތުވި ހަފްތާތަކުގައި ދެކުނު އެފްރިކާގައި ކޮވިޑްގެ ކޭސްތައް ވަނީ އިތުރުވެފައެވެ. މިއާއެކު ދެން ފާހަގަވީ ކޯވިޑްގެ މި އައު ވޭރިއަންޓެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ މިވޭރިއަންޓްގައި ގިނަ އަދަދެއްގެ މިޔުޓޭޝަންތައް ހިމެނޭކަމަށާއި މިއީ އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމަށެވެ. އަދި މި ވޭރިއަންޓްގައި އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

މި ވޭރިއަންޓަކީ ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި ކަނޑައެޅި ކޮވިޑްގެ ފަސް ވަނަ ވޭރިއަންޓެވެ. ވޭރިއަންޓް އޮފް ކޮންސަރން އަކީ އާބާދީގެ ބޮޑުބަޔަކަށް ޖެހި ކޮވިޑްގެ ހާލަތު ގޯސްވެދާނެކަމަށް ބެލެވޭ ހިސާބަށް ވޭރިއަންޓެއް ދިޔުމުން ލާ ކެޓަގަރީއެކެވެ.

މިވޭރިއަންޓް ފެނުމާއެކު ޑަބްލިޔުއެޗްއޯއިން ވަނީ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް އަޅަންވާނީ ސައިންސްގެ މައްޗަށް ފެންނަ ހެކިތަކަށް ބިނާކޮށް ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން