އަހުމަދު ޝާހް   30 ނޮވެމްބަރު 2021 - 16:9
ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީޢަތުގެ މަޖިލީސް
ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީޢަތުގެ މަޖިލީސް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަަބްދުލް ޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލީސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފެށިގެން ކުރިއަށް އެބަދެއެވެ.

މި މައްސަލާގައި މި ޝަރީޢަތް ހިންގެވި ފަނޑިޔާރުންގެ މަޖިލީހުގެ އިސް ފަނޑިޔާރު އުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ރަޢުޔު އިއްވަވަމުން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ 22 އިސްތިއުނާފީ ނުކުތާއަށް ގެންދަވަނީ ޖަވާބު ދެއްވަވަމުންނެވެ.

އެގޮތުން ތުހުމަތުކުރެވޭ ކުށާ ގުޅިގެން ސުވާލުނުކުރާކަމަށް ބުނެ ރައީސް ޔާމީން ހުށަހެޅި ނުކުތާގައި ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށާ ގުޅޭގޮތުން ރައީސް ޔާމީނާ ސުވާލުކޮށްފައިވާކަން އެމަނިކުފާނު ފުލުހުންނަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމަށެވެ.

މި ދައުވާއަކީ ސިޔާސީ ތަފާތުކުރުމުގެ ތެރެއިން އުފުލި ދައުވާއެއް ކަމަށް ބުނެފައިވާ ބުނުމަށް ބާރުދޭނޭ އެއްވެސް ހެއްކެއް ރައީސް ޔާމީންގެ ފަރާތުން ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ހުށަހަޅާފައި ނުވާތީ އެ ނުކުތާއާމެދު ގޮތެއް ކަނޑައަޅަންޖެހޭނޭ ތަނެއް ނެތް ކަމަށް ފަނޑިޔާރު ކަނޑައެޅުއްވިއެވެ.

ގއ.ވޮޑަމުލާގެ ވާހަކަ ދައުވާގެ ތަފްސީލުގައި ބަޔާންކޮށްފައި ނެތުމަކީ ދައުވާގައި އޮތް އުނިކަމެއް ނޫންކަމަށާއި، ދައުވާ ކޮށްފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ދައުވާ އޮންނަންޖެހޭކަމަށް ބުނެފައިވާ ގޮތާ ހިލާފަށްކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާ ނިމިފައިވަނީ ރައީސް ޔާމީނާ ދެކޮޅަށެވެ.

ދައުވާއާ ގުޅޭ ލިޔުންތައް ލިބިފައި ނެތުމުގެ ސަބަބުން ދިފާއުވުމަށް ހުރަސް އެޅިފައިވާކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާއާ ގުޅިގެން ފަނޑިޔާރު މަހާޒްގެ ރަޢުޔުގައި ވަނީ، މައްސަލައިގެ ބައެއް ލިޔުންތައް ދޫކުރުން ލަސްވި ނަމަވެސް، އެ ލިޔުންތައް ދޫކޮށް، އެލިޔުންތަކަށް ޖަވާބު ދިނުމަށް ރައީސް ޔާމީނަށް އެކަށީގެންވާ ވަގުތު ދީފައި އޮތްކަން އެނގެން އޮންނާތީ އެ އިޖުރާއަތުގެ ސަބަބުން އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިފައިވާކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށެވެ.

އިބްތިދާއީ އަޑުއެހުންތައް ނިމުނީކަމަށް އިއުލާނުކޮށް ހަމަ އެ މަޖިލީހުގައި ޝަރީއަތް ފެށުމަކީ ގާނޫނާ ހިލާފް ކަމެއްކަމަށް ބުނެ ރައީސް ޔާމީން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ފަނޑިޔާރު މަހާޒްގެ ރަޢުޔުގައި ވަނީ، ޝަރީއަތް ފެށީ ލިޔުންތައް ދޫކުރެވުނުތާ 30 ދުވަސް ފަހުން ކަމަށްވާތީ އެކަމުގައި ގާނޫނާ ހިލާފް ކަމެއް ނެތްކަމަށެވެ.

ކްރިމިނަލް ކޯޓުން ގާޒީންގެ މަޖިލިސް އެކުލަވާލީ ކޯޓުތަކުގެ ގާނޫނާ ހިލާފަށްކަމަށް ބުނެ ރައީސް ޔާމީން ހުށަހެޅި ނުކުތާގައި ފަނޑިޔާރުންގެ މަޖިލިސް އެކުލަވާލީ ގާނޫނާ އެއްގޮތަށްކަމަށް ހައިކޯޓުން ނިންމި ނުކުތާއަށް ފަނޑިޔާރު މަހާޒް ވަނީ ތާޢީދު ކުރަށްވާފައެވެ.

ރައީސް ޔާމީންގެ އަމަލަކުން ދައުލަތަށް ގެއްލުމެއް ވެފައި ނެތް ކަމަށާއި، އެހެންކަމުން ހައިކޯޓުގެ ނިންމުން ގާނޫނުލްއުގޫބާތުގެ 28 ވަނަ މާއްދާގެ (ށ) އަދި (ނ) އާ ހިލާފަށްކަމަށް ބުނެ ރައީސް ޔާމީން ހުށަހަޅާފައިވާ ނުކުތާގައި ރައީސް ޔާމީންގެ ފަރާތުން ގާނޫނުލްއުގޫބާތުގެ 28 ވަނަ މާއްދާ މާނަކުރިގޮތް ރަނގަޅު ނޫންކަމަށާއި އެހެންކަމުން، އެ ނުކުތާގައި ހައިކޯޓުގެ ނިންމުން ގޯސްކަމަށް ބަލާނޭ ގާނޫނީ ހަމައެއް ނެތްކަމަށް ފަނޑިޔާރު މަހާޒް ވަނީ ރަޢުޔު ނެރުއްވާފައެވެ.

ހެކި ހުށަހެޅި ބޭނުން ނޫން އެހެން ކަންކަން ސާބިތުކުރުމަށް ހެކިންގެ ބަސް ބޭނުންކޮށްފައިވާ ކަމާއި އެއީ ގާނޫނާ ހިލާފުކަމެއް ކަމަށް ބުނެ ރައީސް ޔާމީން ހުށަހެޅި ނުކުތާއާ ގުޅިގެން ފަނޑިޔާރު ވިދާޅުވީ ހެކިވެރިޔަކު ހުވައެއްގެ މަތީގައި ހުރެ އެ ހެކިވެރިޔަކަށް އެނގިހުރި އެއްޗެއް ބުނެދޭއިރު، ހެކި ހުށަހެޅި ބޭނުމުގެ ބޭރުން ދައްކާ ވާހަކައަކީވެސް ޝަރީއަތުން ރިއާޔަތްކުރަންޖެހޭ ބަހަކަށްވާތީ، މި ނުކުތާ ބަލައި ނުގަނެވޭނޭ ކަމަށް ފަނޑިޔާރު ނިންމެވިއެވެ.

ދިފާއީ ހެކިންގެ ބަހަށް ރިއާޔަތްކުރި ގޮތް ރަނގަޅު ނޫންކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާގައި ނިންމެވީ، ހެކިންގެ ބަހާ ގުޅޭގޮތުން ފަނޑިޔާރުން ރިއާޔަތްކުރަންވާނީ ކުށުގެ އަމަލު ހިނގި ގޮތާ ގުޅޭގޮތުން ލިބޭ ހެކިބަހަށް ކަމަށާއި، ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އެމްއެމްއޭގެ ނޫސްބަޔާނަކީ މި ދައުވާކުރި ކުށުގެ އަމަލާ ގުޅޭ ބަޔާނަކަށް ނުވާތީ، އެ ބަޔާނަށް ރިއާޔަތް ނުކުރުމުގައި ގާނޫނާ ހިލާފުކަމެއް ނެތްކަމަށެވެ.

ދިވެހި ފައިސާގެ ބަދަލުގައި ބޭރު ފައިސާއަކުން ޖޫރިމަނާ ކުރުމަކީ ގާނޫނާ ހިލާފު ކަމެއްކަމަށް ބުނެ ރައީސް ޔާމީން ހުށަހެޅި ނުކުތާގައި ފަނޑިޔާރު މަހާޒް ނިންމެވީ، މަނިޓަރީ ގަވާއިދުގައި ކޯޓުތަކުން ޖޫރިމަނާކުރާނެ ވަކިގޮތެއް ބަޔާންކޮށްފައި ނުވާކަމާއި، ރައީސް ޔާމީންގެ މައްޗަށް ދައުވާކުރި ކުށާ ގުޅޭ ފައިސާގެ ބާވަތުން ޖޫރިމަނާ ކުރުމަކީ ފަނޑިޔާރުގެ އިހުތިޔާރެއް ކަމަށްވާތީ އެކަމުގައި ގާނޫނާ ހިލާފް ކަމެއް ނެތްކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

ޖޫރިމަނާގެ އެންމެ މަތީ މިންވަރު ކަނޑައެޅުން ގާނޫނާ ހިލާފްކަމަށް ކަނޑައަޅައިދެއްވުން އެދި ރައީސް ޔާމީން ހުށަހެޅި ނުކުތާގައި ފަނޑިޔާރު ނިންމެވީ، ޖޫރިމަނާގެ މިންވަރު ކަނޑައެޅުމުގައި މަނީލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ 5 ވަނަ މާއްދާގައި ފަނޑިޔާރަށް އިހުތިޔާރެއް އޮންނަކަމަށްވީ ނަމަވެސް އެ އިހުތިޔާރުގެ ބޭނުން ހިފަންވާނީ އެކަމުގެ ސަބަބު ބަޔާންކުރުމަށް ފަހުގައި ކަމަށެވެ. އެ ސަބަބު ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ވަނީ ކަނޑައަޅުއްވާފައެވެ.

މަނީ ލޯންޑަރިންގައި ޕްރެޑިކޭޓް އޮފެންސް ނުވަތަ ގުޅިފައިވާ ކުށް ސާބިތުކޮށްދޭން ޖެހޭ ކަމަށް ރައީސް ޔާމީންގެ ފަރާތުން ވިދާޅުވި ނަމަވެސް ފަނޑިޔާރު މަހާޒް ވިދާޅުވީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ވަކިން ތަހުގީގު ކުރުމަކީ ފުލުހުންނަށް ލިބިގެންވާ އިހުތިޔާރެއް ކަމަށް ވަތީ އެކަމަށް އެއްބަސްވެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާކަމާ މެދު ވަނީ ޝައްކު އުފެދިފައި ކަމަށް ފަނޑިޔާރު މަހާޒުގެ ރައުޔުގައި ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން ޗެކް ނަންބަރާއި ބޭންކް ސްޓޭޓްމަންޓްގައި އޮތް ނަންބަރާ ދިމާނުވާކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހުށައެޅި ހެކިންގެ ތެރެއިން އަބްދުﷲ ޒިޔާތުއާއި އަހުމަދު އަދީބުއަކީ ރައީސް ޔާމީންއާމެދު ރުޅިވެރިކަމެއް އޮތް ބައެއްކަމަށް ބުނެ ފާހަގަކުރި އިސްތިއުނާފީ ނުކުތާގައި، މައްސަލައިގައި ދެންހުރި ހެކިތަކާ ގުޅުވައި އެ ދެމީހުންގެ ހެކިބަހަށް ބާރުލިބޭކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. ނަމަވެސް އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ޝަރީއަތުގައި ދިނީ ދޮގު ހެކި ބަހެއް ކަމަށް ކަނޑައެޅޭނޭ ހަމައެއް ނެތްކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަހަށް ބާރުދޭ އިތުރު ގަރީނާއެއް ނެތްއިރު، އެ ހެކިބަހަށް ބުރަދަން ދިނުން ރައްކާތެރިކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު މަހާޒް ވަނީ ފާހަގަކުރަށްވާފައެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 40 ވަނަ މާއްދާ ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ރައީސް ޔާމީން ހުށަހެޅި ނުކުތާގައި ފަނޑިޔާރު ވިދާޅުވީ، އެފައިސާއަކީ ސިޔާސީ ޕާޓީއަކަށް ލިބެންޖެހޭ ފައިސާކަމަށް ޔާމީން އެއްވެސް މަރުހަލާއެއްގައި ވިދާޅުވެފައި ނުވާތީ އެ ނުކުތާ ނިންމެވީ ރައީސް ޔާމީނާ އެއްކޮޅަށެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލުކުރާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން