ލީބިޔާގެ ކުރީގެ ލީޑަރު މުޢައްމަރުލް ޤައްޒާފީގެ ދަރިކަލުން، ސައިފުލް އިސްލާމް އަލްޤައްޒާފީއަށް ޑިސެމްބަރ މަހު ލީބިޔާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެކަމަށް އެގައުމުގެ ކޯޓުން ހުކުމް ކޮށްފިއެވެ.

ކޯޓުން މި ނިންމުން ނިންމާފައިވާކަން މީޑިއާތަކާ ހިއްސާކުރައްވާފައިވަނީ ސައިފުލްއިސްލާމްގެ ވަކީލު ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ލީބިޔާގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރަމުންދާއިރު، މިހާރު ހަމަޖެހިފައިވާ ގޮތުން އެ އިންތިޚާބު ބާއްވާނީ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރުވެސް އިންތިހާބާ ގުޅޭގޮތުން ލީބިޔާގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މިއާއެކު ލީބިޔާގެ އިންތިޚާބާއި ދިމާކޮށް އެތައް ބަޔަކު ހައްޔަރުކުރާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ލީބިޔާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ލީބިޔާގެ ހުޅަނގު ސަރަހައްދުގައިވާ އިލެކްޝަންގެ ފަސް ސެންޓަރަކަށް ހަތިޔާރު އެޅި ހަނގުރާމަވެރިން ވަދެ ވޯޓު ކަރުދާސްތައް ވަގަށް ނަގާފައިވާކަމަށް ވެސް ރިޕޯޓްކޮށްފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް 98 ކެންޑިޑޭޓުން ރަޖިސްޓްރީކުރިއިރު ލީބިޔާގެ އިލެކްޝަން ކޮމިޝަނުން ވަނީ 25 މީހުންގެ ނަން ޑިސްކޮލިފައިކޮށްފައެވެ. އަދި މިހާތަނަށް އައިއިރުވެސް ލީބިޔާގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައެއްނުވެއެވެ.

ބައްޕާފުޅު ޤައްޒާފީގެ ވެރިކަމަށް ފަހު އެ ސަރުކާރަށް ތާއީދުކުރާ މީހުން އެންމެ އިސް މީހެއްގެ ގޮތުގައި ދެކެމުން އަންނަ މީހަކީ ސައިފުލްއިސްލާމެވެ. އެހެންކަމުން އިންތިޚާބުގައި ސައިފުލް އިސްލާމަށް ވާދަކުރެވޭނެކަމަށް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ އުފާފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން