ރާއްޖޭގެ ރަށެއްގައި ސަރުކާރުން ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކެއް
ރާއްޖޭގެ ރަށެއްގައި ސަރުކާރުން ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކެއް
ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓް އަޅަން ހިންގާ މަޝްރޫއަށް ޗައިނާއިން ލޯނު ނުދޭން ނިންމައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޗައިނާގެ ކުންފުންޏަކާއި 1،700 ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށާއި އަދި ޗައިނާގެ ސީއެމްސީއާއެކު 1،344 ޔުނިޓްގެ މަސައްކަތް މިހާރު ވެސް ކުރިޔަށްދާ ކަމަށް ރައީސް ޞާލިޙް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާގެ ކުންފުނިތަކާއެކު 4،000 ޔުނިޓް ގާއިމްކުރުމަށް މަޝްވަރާކުރެވެމުންދާ ކަމަށާއި އެޗްޑީސީން ވެސް ހައުސިން ޔުނިޓްތަކެއް ގާއިމްކުރުމަށް ޓެންޑަރ މަރުހަލާގައި އޮތް ކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ޞާލިޙް ވިދާޅުވި 1،700 ހައުސިން ޔުނިޓް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅުމަށް ބޭންކް އޮފް ޗައިނާއިން ދޭން ނިންމި ލޯނު މިހާރުވަނީ ކެންސަލް ކޮށްފައެވެ. އެހެންކަމުން މަސައްކަތުގެ ކޮންޓްރެކްޓަރ މިހާރު ގެންދަނީ އެ މަސައްކަތަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުންކަމަށް ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ގެނެސްދޭ އައިލްސް ވެބްސައިޓްގައިވެއެވެ.

1،700 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ޙަވާލުކުރީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. މި މަޝްރޫއަށް ބޭނުންވާ 308،177،181ރ. ގެ ތެރެއިން 85 އިންސައްތަ ދިނުމަށް ބޭންކް އޮފް ޗައިނާ އިން ކުރިންވަނީ އެއްބަސްވެފައެވެ.

ސަރުކާރުން ހާމަކޮށްފައިވަނީ ހުޅުމާލޭގައި ބިނާކުރާ ހައުސިން ޔުނިޓްތައް ވެގެންދާނީ ނިސްބަތުން ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ކަމަށެވެ. އަދި ވިލިމާލޭގައި އުސްއިމާރާތްތައް އެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، މާލެއިން ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ޕްރޮގްރާމެއް ފަށްޓަވާނެކަމަށްވެސް ރައީސް ޞާލިޙް މީގެ ކުރިން ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުން މާލޭ ސަރަޙައްދުގައި ދިރިއުޅޭ 17،000 އާއިލާއަށް ބޯހިޔާވަހިކަން ބޭނުންވާކަން ފާހަގަކުރެވިފައިވެއެވެ. އެ އަމާޒަށް ވާސިލްވުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ ކުރީކޮޅު 5،000 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އަދި އިތުރު 5،000 ޔުނިޓްގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން