ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި ހަބު އިފްތިތާޙް ކުރުން
ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި ހަބު އިފްތިތާޙް ކުރުން
ޓެރަރިޒަމްގެ ޙަމަލާތް ފަދަ ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބު އިފްތިތާޙު ކޮށްފިއެވެ.

ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް)ގެ ނަމުގައި ޤާއިމްކޮށްފައިވާ ސެންޓަރ އިފްތިތާޙު ކޮށްދެއްވީ މިކަމަށްޓަކައި ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޖަޔޮކްގެ މަސައްކަތަކަށްވާނީ، ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން މަޢުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފުން ބުނީ ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތްރެޓްތައް ނުވަތަ ޤައުމެއްގެ ބޯޑަރު ފަހަނައަޅާ، މުޅި ސަރަޙައްދަށް އޭގެ ބިރާއި ނާމާންކަން ފެތުރިފައިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކްރޮސްބޯޑަރ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ، ސަލާމަތީ ނަޒަރަކުން، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އަދި ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މޫތައް އިތުރަށް ވަރުގަދަވެ، ޓެރަރިސްޓް ނެޓްވަރކްތައް އިތުރަށް ފުޅާވެ، ދިވެހި އެތައް ދަރިންނެއް، އުފަން ފަސްގަނޑު ދޫކޮށް، ހަނގުރާމަތަކުގައި ބައިވެރިވުމަށްޓަކައި ރާއްޖެއިން ބޭރަށް ފިލައިގެންދިޔަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

"2019 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުންވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް އޮތް ނުރައްކަލެއްކަން ދެކެވަޑައިގެން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް ޕޮލިސީ"އެއްކަން އިއުލާންކުރައްވާފައެވެ." އެމްއެންޑީފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިސްނަންގަވައިގެން، ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިސްލާޙުގައިވާ ކަންކަން ތަންފީޒުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި ބުރަ މަސައްކަތްޕުޅުން، މުޅިން އަލަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއް މިހާރުވަނީ އެކުލަވާލެވިފައި ކަމަށެވެ.

"މިއަދު މިހުޅުވުނު "ސްޓޭޓް އޮފް ދަ އާރޓް" އަދި "ނެޓްވޯކް ސެންޓްރިކް ކަނެކްޓިވިޓީ" ޤާއިމްކުރެވިފައިވާ ޖޮއިންޓް އިންޓަރއޭޖަންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް) ވުޖޫދަށް ގެންނެވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޚާއްޞަ އިސްކަމެއް ދެއްވާފައިވެއެވެ." ބަޔާނުގައިވެއެވެ.

މި ސެންޓަރު އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި އެމް.އެން.ޑީ.އެފްގެ ލީޑަރޝިޕުގެ ބޭފުޅުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން