ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފްރާންސުން ހައްޔަރުކޮށްފައިވާ ކަމަށް ފްރާންސްގެ ޖުޑީޝަލް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ޖުޑީޝަލް އޮފިޝަލް ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ އަންގާރަ ދުވަހުގެރޭ ހައްޔަރުކޮށްފައިވަނީ ތުރުކީން ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މިކަމާ ގުޅޭގޮތުން ފްރާންސްގެ މީޑިއާތަކުން ބުނީ ހަޝޯގީ މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ސައުދީއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ޚާލިދު އަދީހް އަލް އޮޓާބީ ހައްޔަރު ކުރީ ޕެރިހުގެ ކައިރީގައި އޮންނަ ޗާލްސް ޑި ގާލޭ އެއާޕޯޓުން ރިޔާދަށް ފުރަން ޗެކިން ކުރިފަހުން ކަމަށެވެ.

ތުރުކީގެ ސިޓީއެއް ކަމުގައިވާ އިސްތަންބުލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ހަޝޯގީ މަރާލި މައްސަލަ ވަނީ އެމެރިކާގެ އިންޓެލިޖެންސުން ތަހުގީގު ކޮށްފައެވެ. އަދި މުހައްމަދު ބިން ސަލްމާން ނުވަތަ މަޝްހޫރު ނަމުން ނަމަ އެމްބީއެސްގެ ހުއްދައާއެކު ހަޝޯގީ މަރާލުމުގައި ޚާލިދު އަދީހް އަލް އޮތައިބީ ވަނީ ބައިވެރިވެފައިކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުން ވަނީ ހާމަވެފައެވެ.

ވޮޝިންގޓަން ޕޯސްޓްގައި ކޮލަމިސްޓެއްގެ ގޮތުގައި ލިޔަމުންދަނިކޮށް ހަޝޯގީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހުއެވެ. ހަޝޯގީގެ ލިޔުންތަކުގައި ގެންދިޔައީ އެމްބީއެސްއާއި އޭނާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަތްވަގުތާ ދިމާކޮށް ހަޝޯގީ މަރާލާފައިވާއިރު އޭނާގެ ހަށިގަނޑު ވެސް މިހާތަނަށް ހޯދިފައެއްނުވެއެވެ. ގިނަ ބަޔަކު ބުނަމުންދަނީ އޭނާގެ ހަށިގަނޑު ވަނީ އަނދާލާފައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން