އޭސީސީގެ މެންބަރުން މަޖިލީހުގެ ކޮމިޓީއެއްގައި
އޭސީސީގެ މެންބަރުން މަޖިލީހުގެ ކޮމިޓީއެއްގައި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފަސް އަހަރުގެރޭގައި ދަޢުވާކުރަން ފޮނުވުނީ ހުށައެޅުނު މައްސަލަތަކުގެ އެންމެ ޕަސެންޓެއް ކަމަށް އޮޑިޓް އޮފީހުން ހެދި ޕަރފޯމަންސް އޮޑިޓުން ދައްކައިފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާއްމުވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީ ހިއްސާކުރައްވާފައެވެ. އެ ސިޓީގައިވާގޮތުން ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދައުވާކުރަން ފޮނުވުނީ އެކެއް އިންސައްތަ މައްސަލައެވެ.

އޭގެ އިތުރުން ކޮރަޕްޝަންގެ ކުށް އެކުލެވިގެންނުވާ މައްސަލަތަކުގެ ގޮތުގައި މިހާތަނަށް 61 އިންސައްތަ މައްސަލަ ވަނީ ނިމިފައެވެ. އެހެންކަމުން އިންވެސްޓިގޭޓަރުންގެ ކެޕޭސިޓީގެ މައްސަލަ ހުރިކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ކޮމިޝަންގައި ފުނިޖެހި ދައުލަތަށް އެތައް މިލިއަން ރުފިޔާއެއް ހޯދަން ދައުވާކުރަން ޖެހިފައިވީނަމަވެސް، 2021 ވަނަ އަހަރު ދައުލަތަށް އަނބުރާ ނަގައިދެވިފައިވަނީ އެންމެ 11،000 ރުފިޔާ ކަމަށް ވެސް ސިޓީގައިވެއެވެ. އަދި މައްސަލަތަކުގެ ތަހުގީގު ނިންމާ ޕީޖީ އޮފީހަށް ފޮނުވުނު ނަމަވެސް ތަހުގީގުގައި ނުވަތަ އެ ނޫންވެސް ސަބަބުތަކާއި ހުރެ ދަައުވާ ނުކޮށް އަނބުރާ ފޮނުވާލާފައިވާ މައްސަލަތައް ގިނަކަންވެސް ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.

އޭސީސީގެ މެންބަރުންގެ ޕާފޯމަންސް އޮޑިޓް ހެދުމަށް މަޖިލީހުގެ ކޮމިޓީން ނިންމީ އެކި މައްސަލަތަކާ ގުޅޭގޮތުން އޭސީސީން މަޖިލީހުގައި ތަފާތު އެކި ތާރީހުތައް ދެމުން ވާހަކަ ދެއްކެވި ނަމަވެސް ނަތީޖާއަކާއި ހަމައަށް ގޮސްފައިނުވާކަމަށް ބުނެއެވެ.

މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.

އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެންބަރު އަލީ އަޝްރަފް އާއި މެންބަރު މުޙައްމަދު ޝަކީލް ވަނީ ކޮމިޝަނުން އިސްތިޢުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު