ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން
މިހާރު ކުރިއަށްދަނީ މާލޭ މީހުންނަށް ގޯތި ދިނުމުގެ އުސޫލް އެކުލަވާލުމުގެ މަސައްކަތް ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މި މޭރުމުން ވިދާޅުވެފައިވަނީ މާލެ ކައިރީ ފަޅުތައް ހިއްކައިގެން ވިޔަސް މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ގޯތި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވުމާ ގުޅިގެން އެކަން މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ސާފުކޮށްދެއްވުމުގެ ގޮތުންނެވެ.

އަކްރަމް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އިދާރީ ކަންކަން ކުރުމަށާއި ބައެއް އުސޫލުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

23 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރާވާފައި އެބަ އޮތް ކަމަށެވެ. އަދި ގޯތި ދޭނީ ގުޅިފަޅުންނާއި ހުޅުމާލޭން އެކަނި ނޫން ކަމަށާއި އެހެން ފަޅުތަކުންވެސް ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓަ ޕްލޭން އެކުލަވާލުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 60 ގޯތި ވިއްކުމަށް އެޗްޑީސީން މިހާރު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މިފަހަރު ހުޅުވާލި ފުރުސަތުގައި ގޯތި ވިއްކާނީ ހަމައެކަނި މާލޭ ރައްޔިތުންނަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ލުޔެއް ހޯދައިދިނުމަށްޓަކައި މާލޭ ސަރަޙައްދުން ގޯތި ދިނުމަކީ އެމްޑީޕީގެ ރިޔާސީ ވަޢުދެކެވެ. ހަމައެއާއެކު އެޖެންޑާ-19 ގެ ވަޢުދުތަކުގެ ތެރޭގައިވެސް އެންމެ އިސްކަމެއް ދީފައިވާ އެއްކަމަކީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން