އެމްޕީއެލް ބަނދަރުގައި ކޮންޓޭނަރުތައް-
އެމްޕީއެލް ބަނދަރުގައި ކޮންޓޭނަރުތައް-
މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނަރު އުފުލުމުގެ ޚިދުމަތަށް ނަގާ އަގުތަކަށް ބަދަލު ގެނެސް، މިއަދުން ފެށިގެން އެ ޚިދުމަތަށް ކަނޑައެޅި އައު ރޭޓްތަކަށް ޢަމަލުކުރަން ފަށައިފިއެވެ.

ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއަރކުރާ "ފުލް ކޮންޓޭނަރ ލޯޑް" (އެފް.ސީ.އެލް) ކޮންޓޭނަރުތައް ކްލިއަރކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓާމިނަލަށް ބަދަލުކޮށް، އެ ޓާމިނަލުގައި މި ޚިދުމަތް ރަސްމީކޮށް ދޭން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އެ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ތިލަފުއްޓަށް އެފް.ސީ.އެލް ކޮންޓޭނަރު ގެންދިއުމަށް ނަގަމުން އައީ މާލޭ ވިޔަފާރި ބަނދަރުން ހުޅުމާލެ ޓާމިނަލަށް ކަނޑުމަގުން ކޮންޓޭނަރު ގެންދިއުމަށް ނަގަމުންދިޔަ ޓެރިފް ރޭޓެވެ.

ނަމަވެސް، މިއަދުން ފެށިގެން މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނަރު އުފުލުމަށް ވަކި ޚާއްޞަ ރޭޓްތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، ޖީ.އެސް.ޓީ ނުހިމަނައި 20 ފޫޓުގެ ކޮންޓޭނަރަކަށް 1،500.00 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، 40 ފޫޓުގެ ކޮންޓޭނަރަކަށް ނެގުމަށް ކަނޑައަޅާފައިވަނީ 3،000.00 ރުފިޔާއެވެ.

އެމްޕީއެލް އިން ބުނީ މިއީ މާލެއާއި ތިލަފުއްޓާ ދެމެދު ހުރި ދުރުމިނަށް ރިޢާޔަތްކޮށް، މި ޚިދުމަތަށް އެކަށޭނަ އަގުތަކެއް ކަނޑައެޅުމުގެ މަޤްޞަދުގައި ގެނެވުނު ބަދަލެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު