ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި އައިލޭންޑް އެވިއޭޝަން ގުޅިގެން ހިންގާ ފްލައިންގ ސްކޫލް, "މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ"ގެ ފުރަތަމަ ކޯހުގެ ލޯނަށް ހުޅުވާލައިފިއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ހޯމަ ދުވަހު ފަށާފައިވަނީ 35 ކުދިންގެ ބެޗަކާއިއެކުއެވެ. ފުރަތަމަ ބެޗުގައި ފުރުސަތު ދީފައިވަނީ ކުރިން އައްޑޫ ފްލައިން ސްކޫލުގައި ކިޔެވި ދަރިވަރުންނަށެވެ. އެކުދިންނަށް ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކަކާއި އަދި އެއަށްފަހު 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެވެ.

ސަރުކާރުން ވަނީ ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމްގެ ފީގެ ގޮތުގައި ދައްކަންޖެހޭ 1،500 ޑޮލަރު، ލޯންގެ ގޮތުގައި ދަރިވަރުންނަށް ދޫކުރަން ނިންމާފައެވެ. އަދި ފްލައިންގ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ސަރުކާރުން ލޯން ހަމަޖައްސައިދެއްވަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ރިފްރެޝަރ ކޯހުގެ ލޯނަށް ހުޅުވާލާފައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.



ލޯނަށް ކުރިމަތިލެވޭނީ ކުރިން އައްޑޫގައި ހިންގި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގައި ޕައިލެޓް ލައިސަންސް ފުރިހަމަ ކުރަމުންދިޔަ ދަރިވަރުންގެ ތެރެއިން ކޯހުގެ ބާކީބައި ފުރިހަމަ ކުރަން ހަދަންޖެހޭ ރިފްރެޝާ ޕްރޮގްރާމްގައި ރެޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. މިޕްރޮގްރާމްގެ ފީއަކީ 1500 ޑޮލަރެވެ.

ގައުމީ އެއަރލައިން، މޯލްޑިވިއަންއާއި އެމްއެންޔޫ ގުޅިގެން ހިންގާ މި ފްލައިން ސްކޫލަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮވެގެން ހިންގާ، ސްކޫލެކެވެ. މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ މެނޭޖްކުރަން ހަވާކުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފުރަތަމަ ދިވެހި ފްލައިން ސްކޫލް ޤާއިމްކުރަން ނިންމީ މީގެކުރިން އައްޑޫގައި ބޭރު ބަޔަކު ހިންގަމުން އައި ފްލައިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވެ، އެންމެ ފަހުން އެކުދިންގެ ކިޔެވުން ހުއްޓުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު