ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
މިއަހަރު މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ޖެނުއަރީމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 109،842 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީީ މިދިޔަ އަހަރުގެ ފުރަތަމަ 26 ދުވަހާ އަޅާބަލާއިރު 48 އިންސައްތައިގެ އިތުރުވުމެކެވެ. ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރަމުންދާ ޓޫރިސްޓް އެނދުގެ ޢަދަދަކީ 53،836 އެވެ.

މިއަހަރު ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. މިއަހަރު ރަޝިއާއިން މިހާތަނަށް 20،244 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ރާއްޖެއަށް 10،602 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހު ރާއްޖޭގައި ހޯމްސްޓޭ ފަތުރުވެރިކަން ތަޢާރަފް ކޮށްފައިވާއިރު މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭނެއެވެ.

މިދިޔަ އަހަރަށް ރާއްޖެއިން އަމާޒުހިފި 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒު ޙާސިލުކޮށްފައިވާއިރު ޑރ. މައުސޫމް ވިދާޅުވެފައިވަނީ 2022 ވަނަ އަހަރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެންމެން ގުޅިގެން ރާއްޖެއަށް އެކަން ޙާސިލްކުރެވޭނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލައި ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ ކޮވިޑުގެ ކުރީގައި އޮތް ހާލަތަށް ރުޖޫއަވެފައެވެ. ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. 2020 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ.

ރާއްޖެއިން މިދިޔަ ދެއަހަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ހޯދައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން