ފެނަކައިގެ މުވައްޒަފުން މަސައްކަތުގައި
ފެނަކައިގެ މުވައްޒަފުން މަސައްކަތުގައި
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅާ އެއްގޮތަށް އެންްމެކުޑަ އުޖޫރަ ތަންފީޒުކުރަން ފެށުމާއެކު ފެނަކައިގެ 3346 މުވައްޒަފަކަށް މުސާރަ ބޮޑުކޮށްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިނިމަމް ވޭޖު ބޯޑުން ދިން ލަފާ ދިރާސާކުރުމަށްފަހު ސަރުކާރުން ނިންމާފައިވަނީ މިހިނގާ ޖެނުއަރީމަހުން ފެށިގެން މިނިމަމް ވޭޖް، ނުވަތަ އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ތަންފީޒު ކުރުމަށެވެ. އެގޮތުން ފެނަކައިގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު މި ޖެނުއަރީމަހު މުވައްޒަފުންނަށް މުސާރަދީފައިވަނީ މިނިމަމް ވޭޖާއި އެއްގޮތަށެވެ.

ފެނަކައިން ބުނީ މިނިމަމް ވޭޖު ކަނޑައެޅުމުގެ ކުރިން އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް 5،590ރ. ލިބުނު ނަމަވެސް މިނިމަމް ވޭޖާއެކު ބައެއް މުވައްޒަފުންގެ މުސާރަ 9،222ރ. އަށް ބޮޑުކޮށްފައިވާ ކަމަށެވެ.



މިނިމަމް ވޭޖުގެ ގޮތުގައި ކުދި ވިޔަފާރިތަކަށް 4500 ރުފިޔާ ސަރުކާރުން ކަނޑައަޅާފައިވާއިރު މެދު ފަންތީގެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް 7000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން، މަހަކު 8000 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. ފެނަކަ ހިމެނެނީ ބޮޑެތި ވިޔަފާރިތަކުގެ ގިންތީގައެވެ.

މީގެއިތުރުން ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 7000 ރުފިޔާއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުފުރައިގެ 317482 މީހުން އުޅެއެވެ. އެއީ 147753 ފިރިހެނުންނާއި 169729 އަންހެނުންނެވެ. މީގެތެރެއިން ވަޒީފާގައި އުޅެނީ ނުވަތަ ވަޒީފާއެއް އަދާކޮށްގެން އާމްދަނީ ހޯދަނީ 191270 މީހުންނެވެ. އެއީ 113849 ފިރިހެނުންނާއި 77421 އަންހެނުންނެވެ.

ސަރުކާރުން ދެކޭ ގޮތުގައި ޖެނުއަރީން ފެށިގެން މިނިމަމް ވޭޖް ތަންފީޒުކުރަން ފަށާއިރު، އެންމެ ހެޔޮ ބަދަލެއް އަންނާނީ ޓޫރިޒަމް ދާއިރާގެ ދިވެހި މުވައްޒަފުންނަށެވެ. އެގޮތުން އެ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ސާވިސް ޗާޖް ނުހިމަނައި 518 ޑޮލަރު ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން