އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު (މ)
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު (މ)
އެމްޑީޕީގެ ފަރާތުން ޤާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަށް އެޕާޓީގެ ކޮންގްރެސްގައި މަޝްވަރާކުރުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށައަޅުއްވައިފިއެވެ.

އިސްކަންދަރު ސްކޫލުގައި މިރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ރައީސް ނަޝީދުވަނީ ކޮންގްރެސްއަށް ހުށައަޅަން އެމަނިކުފާނަށް ފެނިލައްވާ އިސްލާޙުތައް ކަމަށް ވިދާޅުވެ ގިނަ ކަންތައްތަކެއް ފާހަގަކުރަށްވާފައެވެ.

އެގޮތުން ރައީސް ނަޝީދު ހުށައެޅުއްވީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމްލަ ވޯޓުގެ 30 އިންސައްތައަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 އިންސައްތަ ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުމަށް ފެނިލައްވާ ކަމަށްވެސް ހުށައެޅުއްވިއެވެ.

މީގެއިތުރުން ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި، އެ ވޯޓުގެ ނަތީޖާއާއި އެއްގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އެއްބަސްވުމަށްވެސް ހުށައަޅުއްވާފައިވެއެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމުގެ އިތުރުން ޖޭއެސްސީ އާއި މިނިވަން މުއައްސަސާތަކުގެ އަދަދާއި އެ މުއައްސަސާތައް އެކުލެވިގެން ވާގޮތަށް ބަދަލު ގެނައުމަށް ވެސް ވަނީ ހުށަހަޅުއްވާފަ އެވެ.

ހަމައެއާއެކު ކޮންމެ 5 އަހަރަކުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އިތުރުވެގެން ދިއުމަކީ ހަރަދަށް އަންނަ ބުރައެއް ކަމަށާއި އެހެންކަމުން ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގައި އެކަމަށްވެސް އަލިއަޅުވާލުން މުހިންމުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެ އިތުރުން ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ބަދަލުތަކެއް ގެނައުމަށްވެސް ރައީސް ނަޝީދު މިރޭވަނީ ޚިޔާލު ހުށައަޅުއްވާފައެވެ.

126 މެންބަރުން ހާޒިރުވި މިރޭގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 4 ގައި ބޭއްވުމަށް ފާސްކޮށްފައެވެ. ހަމައެއާއެކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މަގާމުތައް ފިޔަވައި އެހެން މަގާމުތަކުގެ މުއްދަތަކީ ފަސް އަހަރު ކަމުގައި ކަނޑައަޅަން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން