ފޮޓޯ: ގެޓީ އިމޭޖްސް
ފޮޓޯ: ގެޓީ އިމޭޖްސް
ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ރެނެސް ބައްދަލުކުރި މެޗު، އިތުރުވަގުތުގައި އެމްބާޕޭ ޖެހިގޯލާއެކު 0-1 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ފުރަތަމަ ހާފްގެ ކުރީކޮޅުގައި ރެނެސް އިން ވަނީ ޕީއެސްޖީ ގޯލަށް ނުރައްކާތެރި 2 ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން 6 ވަނަ މިނެޓުގައި ރެނެސްގެ ބެންޖަމިން، ގޯލުގެ ދުރުކަނަށް ފުނުވާލި ބޯޅަ، ކީޕަރު ނަވާސް ވަނީ ގޯލަށް ވަނުމުގެ ކުރިން އަތުން ޖަހާ ބޭރުކޮށްލާފައެވެ. އަދި 13 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ރެނެސްގެ ސެންޓަމަރިއާ ބޮލުން ފޮނުވާލި ބޯޅަ ދިއައީ ގޯލުގެ ދަނޑިކައިރިން ބޭރަށެވެ.

34 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ނުރައްކާތެރި ހަމަލާއެއް ޕެނަލްޓީ އޭރިއާގެ ދުރުކަނަށް ފޮނުވާލާފައެވެ. ނަމަވެސް ބޯޅަ ދިއައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. އަދި 40 ވަނަ މިނެޓުގައި ޕީއެސްޖީ ގެ ސީމޯންސަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޕެނަލްޓީ އޭރިއާތެރެއިން އެމްބާޕޭ ފޯނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ނުކުތުމުން، ހުސްކޮށްހުރި ސީމޯންސް ފޮނުވާލި ހަމަލާ ޑިފެންޑަރު ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން 18 ވަނަ މިނެޓުގައި އެމްބަޕޭ ގޯލެއް ޖެހިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއްކަމަށެވެ. މެޗުގެ ހަމަ އެކަނި ގޯލް އެމްބާޕޭ ކާމިޔާބު ކޮށްދިނީ މެޗުގެ 90 މިނެޓުހަމަވެ އިތުރުގަނޑީގެ ގޮތުގައި ދެއްކި 6 މިނެޓުގެ ތެރިން 3 ވަނަ މިނެޓުގައެވެ. މި ގޯލް ޖަހައިދިނީ މެސީގެ ޕާހަކުންނެވެ. މިއީ މި ސީޒަންގައި ފްރާންސް ލީގަށް އެމްބާޕޭ ކާމިޔާބު ކޮށްދިން 13 ވަނަ ގޯލެވެ. މެސީގެ 7 ވަނަ އެސިސްޓެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީ ވަނީ 16 ޕޮއިންޓަށް ލީޑު ފުޅާ ކޮށްފައެވެ. ދެވަނައިގައި އޮތް މާސޭ، 23 މެޗުން ލިބުނީ 43 ޕޮއިންޓެވެ. ޕީއެސްޖީ ދެން ކުޅޭނީ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ދެކޮޅަވެ. އަންނަ އަންގާރަ ދުވަހުގެރޭ ކުޅޭ މި މެޗުވެގެންދާނީ ކޯޗު ޕޮޗެޓީނޯއަށް ވަރަށް މުހިއްމު މެޗަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން