ސްޕޯޓްސް އެވޯޯޑް
ސްޕޯޓްސް އެވޯޯޑް
"މޯލްޑިވްސް ސްޕޯޓްސް އެވޯޑް"ގައި ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ދުވުންތެރިޔާ ޙަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތްލީޓަކަށް ބެޑްމިންޓަންތަރި އާމިނަތު ނަބާހާ އަބްދުއްރައްޒާޤު ހޮވިއްޖެއެވެ.

ރޭ ކުރިޔަށް ދިޔަ "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022"ގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ޙަފްލާގައި ސާއިދު ވަނީ އަހަރުގެ ސްޕޯޓްސްމަން އޮފް ދި އިޔާ އެވޯޑް ހޯދައިފަ އެވެ. ނަބާހާ ވަނީ އަހަރުގެ ސްޕޯޓްސް ވުމަން އޮފް ދަ އިޔާ އެވޯޑް ހޯދައިފަ އެވެ. ސްޕޯޓްސް އެވޯޑްގައި އެންމެ އުއްމީދީ އަންހެން އެތުލީޓްގެ އެވޯޑް ހޯދީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެވެ. އުއްމީދީ ފިރިހެން އެތުލީޓުގެ އެވޯޑް ހޯދީ ނިބާލް އަހްމަދު އެވެ.

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ގައުމީ ޓީމުގެ ކީޕަރު އާމިނަތު ލީޒާ (ލިޒީ) އެވެ. އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ޙާސިލްކުރީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ. އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ހައްވާ ރާޝިދާ އެވެ. އަދި އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ އާދަމް ނަސީމެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ލިބިވަޑައިގެންނެވި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ޒާހިދު އަޙްސަން ރަސުލްއާއި ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ނަމާލް ރާޖަޕަކްސައާއި ސަޢޫދީ ޢަރަބިއްޔާގެ ވައިސް މިނިސްޓަރ އޮފް ސްޕޯޓްސް ބަދުރު އަލް ޤާޟީގެ އިތުރުން ރާއްޖެއިން ޙުސައިން ޢަފީފާއި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަންގެ އޮނަރަރީ ރައީސް އަޙްމަދު ނަޒީރަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ލައިފްޓައިމް އެވޯޑް ލިބިވަޑައިގެންނެވި 15 ބޭފުޅުންނާއި ސްޕޯޓް އައިކަން އެވޯޑް ލިބިވަޑައިގެންނެވި 16 ބޭފުޅުންގެ އެވޯޑް ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

ސްޕެޝަލް ރިކޮގްނިޝަން އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު މެދުވެރިކޮށް ރާއްޖެއާ އަދި އެނޫންވެސް މުޖުތަމަޢުތަކަށް ހެޔޮބަދަލުގެނެސްދިނުމަށް މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. ސްޕޯޓްސް އައިކަން އެވޯޑަކީ މި އެވޯޑް ޙަފްލާއަށް ވަޑައިގެންނެވި، ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގެ އެތައް ކާމިޔާބީތައް ހޯދައި އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތްތަކަށްދޭ އެވޯޑެކެވެ.

މީގެ އިތުރުން ސްޕެޝަލީ އޭބުލްޑް އެތްލީޓް އޮފް ދަ އިޔަރ އަންހެން އަދި ފިރިހެން އެތުލީޓަށް އެވޯޑާއި ސްޕޯޓްސްމަން އޮފް ދަ އިއަރ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއަރ އެވޯޑް ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

މި ޙަފްލާގައި މޯސްޓް ޕްރޮމިސިންގ އެތުލީޓް އޮފް ދި އިއަރ އަންހެން އަދި ފިރިހެން އެތުލީޓަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" އަކީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި ބޭއްވި މިފަދަ ފުރަތަމަ އެވޯޑް ޙަފްލާއެވެ. މި ޙަފްލާގައި ޖުމްލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން