ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައިސް، ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ނުކުމެވަޑައިގެން ތިމަން މަނިކުފާނު ޕާޓީން ބޭރުކުރަން އުޅޭކަމަށް ވިދާޅުވިޔަސް އެވާހަކަ ފުޅު ގަބޫލު ނުކުރައްވާނެކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފޭދު ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ފޭދު ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީން ރައީސް ނަޝީދު ބޭރުކުރަން ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތަކުން މަސައްކަތްކުރާކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދި ރައީސް ނަޝީދުވެސް ވަނީ އެމޭރުމުން ވާހަކަފުޅުދައްކަވަފާއެވެ.

ފޭދު ދާއިރާގެ މެންބަރު ނިހާދު ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ބޭރެއް ނުކުރެވޭނެކަމަށާއި، އަދި ކުރެވޭނެ އެއްވެސް ގޮތެއްވެސް ނޯންނާނެކަމަށެވެ. ރައީސް ނަޝީދު އަމިއްލަފުޅަށް އެހެން ވިދާޅުވިޔަސް އެކަން ގަބޫލުނުކުރާނެކަމަށް ނިހާދު ވިދާޅުވިއެވެ.

"މިވާގޮތަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް އޮންނަނަމަ އެންމެންވެސް ވިއްކަނީ ރައީސް ނަޝީދު. އެއީ ރައީސް ނަޝީދު ދެކެ ލޯބިވާ ގިނަ ބަޔަކު އުޅޭތީވެ.

މިއަދު ރައީސް ނަޝީދު އަމިއްލަފުޅަށް ނިކުމެ ތިމަން މަނިކުފާނު ޕާޓީން ބޭރުކުރަން އުޅޭ ވާހަކަ ދެއްކިޔަސް އަޅުގަނޑު ގަބޫލެއް ނުކުރާނަން. އެއީ ކުރެވޭނެ ކަމެއް ނޫން.. އެކަމެއް ނުވާނެ." ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ ރައީސް ނަޝީދާއި ނުލައި އެމްޑީޕީ އޮންނާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

"ރައީސް ނަޝީދަކީ މި ރާއްޖޭގައި ހުރި އެންމެ ގިނަ މީހުން ތާއީދުކުރާ އެއް ލީޑަރު. ރައީސް ނަޝީދާ ނުލައި އެމްޑީޕީ ކޮބައިތޯ؟ ރައީސް ނަޝީދު ބޭރުކުރާކަށް އެމްޑީޕީއަކުން ނޫޅޭނެ. އެމްޑީޕީގައި އެކަހަލަ ކަމެއް ނުވެސް ހިންގޭނެ." ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދު ﷲ ސަރުކާރުން ދޫކޮށްނުލެވިގެން އުޅޭއިރު ރައީސް ނަޝީދު ދޫކޮށްލާނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"ސިޔާސި ގޮތުން ބަލަމާ، އަޅުގަނޑުމެން މިއުޅެނީ އެންމެ ކުޑަމިނުން 10000 މީހުން ހަމަނުވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ދޫކޮށްނުލެވިގެން މިއުޅެނީ އަޅުގަނޑުމެން.. ދެން ކިހިނެއްތޯ އެމްޑީޕީން ރައީސް ނަޝީދު ދޫކޮށްލައިގެން މިކަން ކުރާނީ. އެއީ ދައްކާ ވަރަށް ފިތުނަވެރި ވާހަކައެއް" ނިހާދު ވިދާޅުވިއެވެ.

ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ ބައެއް ފަރާތްތަކުން ރައީސް ނަޝީދު އެޕާޓީން ބޭރުކުރަން މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވެ އެމަނިކުފާނުގެ އުދާސްތައް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ވަނީ ވަރަށް ފަހުން ބޭރުކޮށްލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު