ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ކަންބޮޑުވުން ފާޅުކުރުމަށް އުފައްދާފައިވާ ގައުމީ ހަރަކާތުން، "ރަތް ރޮނގު" ގެ ނަމުގައި ޖަލްސާއަކާއި މުޒާހަރާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދަވާ "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ފަރާތުން ބާއްވާ މި ޚާއްޞަ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ.

އެ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ރަސްމާލޭގައި "އީގަލްހިލްސް" އިން ހިންގަން އުޅޭ މަޝްރޫޢާ ދެކޮޅަށް އަތޮޅުތެރޭގެ ރައްޔިތުން މާލެ އައިސް ބައިވެރިވާ މުޒާހަރާއެއް އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

މިގޮތަށް ނިންމީ، ގަދަ ވިއްސާރައިގައިވެސް މިދިޔަ ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި އެއްބާރުލުމަށް ބިނާކޮށް ކަމަށް އެޙަރަކާތުން ވަނީ ބުނެފައެވެ. އިމްރާން ވަނީ ހުޅުމާލެއާއި މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން ހުކުރު ދުވަހުގެރޭ ބާއްވާ "ރަތް ރޮނގު" ޖަލްސާގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް މަޖިލިސް މެންބަރުންނަށް އިމްރާން ވަނީ އިލްތިމާސް ކުރަށްވާފައެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޅާލުމެއްނެތި ސަރުކާރުން މި މަޝްރޫއު ހުއްޓާނުލައި ކުރިއަށްގެންދާނަމަ، ޑިސެމްބަރު 4 ގައި މުޅި ރާއްޖެ އެކުލެވޭހެން މާލޭގައި ބާއްވާ އެއްވުމުން ރައްޔިތުންގެ އަޑު އިއްވާނެކަމަށްވެސް އޭނާ މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު