މުޙައްމަދު އަލްއައްބާރު
މުޙައްމަދު އަލްއައްބާރު
ބުރްޖް ޚަލީފާ ބިނާކުރި ކުންފުނިން 5 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ބެންކޮކުގައި ފަށަނީ؛ އަމާޒަކީ ދުނިޔޭގެ އެންމެ އުސް ބިނާ އެޅުން

ރާއްޖޭގެ ރަސްމާލެ މަޝްރޫޢާ ވެސް ގުޅިފައިވާ، ޔޫ.އޭ.އީގެ މަޝްހޫރު ބިލިއަނަރު އަދި އީމާރް ޕްރޮޕަޓީސް އާއި އީގަލް ހިލްސްގެ ބާނީ މުޙައްމަދު އަލްއައްބާރު، ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި 5 ބިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 160-170 ބިލިއަން ތައި ބާތު) ގެ ބިޔަ މިކްސްޑް-ޔޫސް މަޝްރޫޢެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ. ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިއްޖެނަމަ، މި މަޝްރޫޢުގެ ދަށުން ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ރެކޯޑު މުގުރާލެވޭ ފަދަ އާދަޔާޚިލާފު ބިނާއެއް ބެންކޮކްގައި ޤާއިމުކުރުމަށް އެ މަޝްރޫޢު ވަނީ އަމާޒުހިފާފައެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ 828 މީޓަރުގެ ބުރްޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބޮޑެތި ބިނާތައް ތަރައްޤީކުރެއްވި އަލްއައްބާރު "ދަ ސްޓޭންޑަރޑް ވެލްތު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ބެންކޮކުގައި އިންވެސްޓްކުރުމަށް ދިރާސާކުރާތާ ހަތަރު އަހަރު ވެފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ އެއްބަސްވުމުގެ މަޝްވަރާތަކަށް 18 މަސްދުވަސް ވެފައިވާއިރު، ކުރިއަށް އޮތް އެއް ހަފުތާ ނުވަތަ ދެ ހަފުތާއެއްގެ ތެރޭގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

އީގަލް ހިލްސް އިސްވެ ތައިލެންޑުގެ ޖޮއިންޓް ވެންޗަރ ޕާޓްނަރަކާއެކު ފަށާ މި މަޝްރޫޢުގައި، އީމާރް ކުންފުނި ފަހުން ބައިވެރިވާނީ ވިޔަފާރި މަރުކަޒުތަކާއި ހޮޓާތައް ތަރައްޤީކުރުމުގެ މަރުޙަލާގައެވެ. ބެންކޮކުން ކުއްޔަށް ހިފުމަށް ހަމަޖެހިފައިވާ 20 އާއި 30 ރާއި (ގާތްގަނޑަކަށް 32,000 އިން 48,000 އަކަމީޓަރު ނުވަތަ 3.2 އިން 4.8 ހެކްޓަރު) ގެ ބިމެއްގައި ހިންގާ މި މަޝްރޫޢުގައި މަތީ ފަންތީގެ ރެޒިޑެންޝަލް ބައިތަކާއި، އޮފީސްތަކާއި، ފިހާރަތަކުގެ އިތުރުން ފެންވަރު ރަނގަޅު ހޮޓާތައް ހިމެނެއެވެ. މި މަޝްރޫޢު ހިންގާނެ ވަކި ތަނެއް ރަސްމީކޮށް އިޢުލާން ނުކުރި ނަމަވެސް، ޗިޓް ލޮމް ސްކައިޓްރެއިން ސްޓޭޝަން ކައިރީގައިވާ ބިމަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

މި މަޝްރޫޢުގެ މައިގަނޑު ބިނާއަކީ ދުނިޔޭގެ އެންމެ އުސް ޓަވަރަށް ހެދުމުގެ ވިސްނުން ގެންގުޅުއްވި ނަމަވެސް، އެ ރެކޯޑު ހޯދުމަށްޓަކައި، ސައުދީ ޢަރަބިއްޔާގައި މިހާރު ހަދަމުންދާ 1,000 މީޓަރަށް ވުރެ އުސް "ޖިއްދާ ޓަވަރު" އަށް ވުރެ މި އިމާރާތް އުސްކުރަން ޖެހޭނެއެވެ. އަލްއައްބާރު ވިދާޅުވީ، އުސް އިމާރާތްތައް ބިނާކުރުމުގައި އާންމުކޮށް ބޭނުންކުރާ ކޮންކްރީޓަށް ބަރޯސާވުން ކުޑަކޮށް، ޒަމާނީ އައު ޓެކްނޮލޮޖީ ތަޢާރަފުކުރުމަށް ޝައުޤުވެރިވާ ކަމަށެވެ. އަދި މި ބިނާގެ ފަރުމާއިން ތައިލެންޑުގެ ސަޤާފަތާއި އަމިއްލަވަންތަކަން ރަމްޒުކޮށްދިނުމަށްޓަކައި، އެ ޤައުމުގެ އާކިޓެކްޓުންނަށް އިސް ދައުރެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުޅި މަޝްރޫޢު ނިންމުމަށް 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، ފުރަތަމަ އަހަރު ހޭދަވާނީ ތަފްޞީލީ ޕްލޭންތައް އެކުލަވާލުމަށާއި ސަރުކާރުގެ ހުއްދަތައް ހޯދުމަށެވެ. ޢަމަލީ މަސައްކަތް ފެށޭނީ ގާތްގަނޑަކަށް 18 މަސްދުވަސް ފަހުންނެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރުމުގައި ތައިލެންޑުގައި ހުރި ޤާނޫނީ ހުރަސްތަކާއި، އިންޖިނިއަރިންގ އަދި ސަލާމަތީ ގޮންޖެހުންތައް ޙައްލުކުރުމަކީ މި މަޝްރޫޢަށް ކޮންމެހެން މުހިންމު ކަމެކެވެ. މީގެ ކުރިން 2024 ވަނަ އަހަރު ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ސްރެތާ ތަވިސިންއާ އެކު ވެސް އަލްއައްބާރު ވަނީ އިންވެސްޓްމަންޓްގެ މަޝްވަރާތަކެއް ކުރައްވާފައެވެ.

ތައިލެންޑަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި އީގަލް ހިލްސް ކުންފުނިން އިންވެސްޓްކުރާ ފުރަތަމަ ޤައުމެވެ. ދެވަނަ މަންޒިލެއްގެ ގޮތުގައި އިންޑޮނޭޝިއާ ވަނީ ފާހަގަކޮށްފައެވެ. ތައިލެންޑުގެ އިޤްތިޞާދަށާއި ރިއަލް އެސްޓޭޓް ދާއިރާއަށް މިވަގުތު ގޮންޖެހުންތަކެއް ހުރި ނަމަވެސް، އަލްއައްބާރު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ކުރު މުއްދަތުގެ ފައިދާއަށް ވުރެ ބޮޑަށް، 10 އާއި 15 އަހަރުގެ ދިގު ރާސްތާގެ ފުރުޞަތުތައް ކަމަށެވެ.

ބެންކޮކަކީ "އޭޝިއާގެ ދިރިހުރި ހިތް" ގެ ގޮތުގައި ސިފަކުރައްވަމުން އަލްއައްބާރު އިތުރަށް ވިދާޅުވީ، ވެރިރަށުގެ އިތުރުން ތައިލެންޑުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުން ބޮޑެތި ބިންތައް ނަގައިގެން ބިޔަ ރިސޯޓް މަޝްރޫޢުތައް ހިންގުމަށާއި، ސަރުކާރުން ފުރުޞަތު ދީފިނަމަ ބެންކޮކުގެ "ޚްލޮންގް ތޮއޭ" ބަނދަރު ސަރަޙައްދު ޒަމާނީ ފެންވަރަށް އަލުން ތަރައްޤީކުރުމުގައި ބައިވެރިވުމަށް ވެސް އެ ކުންފުނިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު