ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
މާލޭގެ ގެއެއްގެ ތަޅުންދަށުގައި ފޮރުވާފައިހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ހުސައިން (ކުޑަ އަންމަޑޭ) އެ މަގާމުން ވަކިކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސުން މާލޭގައި މަސްތުވާތަކެތި އަތުލައިގަތުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގައި މާފަންނުގެ ގެއަކުން 42 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ. އޭގެއިތުރުން އެ މައްސަލައިގެ އެންމެ އިސް މޭސްތިރިޔާ ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވަނީ އިއްޔެ ހަވީރު ވިދާޅުވެފަ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ހުސައިން (ކުޑަ އަންމަޑޭ) އެވެ. އަހުމަދު ހުސައިން ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި އަލިފުށީ ދާއިރާއަށް ވާދަކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕީއެންސީ ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ހުސައިން ގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެމައްސަލަ ބެލުމަށްފަހު ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އޭނާ ޕާޓީގެ ކައުންސިލް މެންބަރު ކަމުން ވަކިކޮށް، ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައިވެސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޕީއެންސީން ބުނީ އަހުމަދު ހުސައިންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ކުޑަބޮޑުމިނަށް ބަލައި، އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި އަމަލުކުރެވިފައިވާ ގޮތްތަކަށް ރިއާއަތް ކުރުމަށްފަހު ކަމަށެވެ. އަދި އަހުމަދު ހުސައިންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ މައްސަލަ ބަލައި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން އަވަސް ކުރުމަށް އިދިކޮޅު ކޯލިޝަނުންވަނީ ގޮވާލާފައެވެ.

މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޕީއެންސީގެ ކައުންސިލް މެންބަރަކު ހައްޔަރުކޮށްފައިވެއެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 130 ކިލޯއާއެކު ހައްޔަރުކޮށްފައިވަނީ އެ ޕާޓީގެ މެންބަރެއް ކަމަށްވާ ޝަހީބް އިބްރާހީމެވެ. އެފަހަރުވެސް އެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ އެޕާޓީގެ ކައުންސިލުން ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން