ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ހުސައިން (ކުޑަ އަންމަޑޭ)
ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ހުސައިން (ކުޑަ އަންމަޑޭ)
މާލޭގެ ގެއެއްގެ ތަޅުންދަށުގައި ފޮރުވާފައިހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ހުސައިން (ކުޑަ އަންމަޑޭ) ގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސުން މާލޭގައި މަސްތުވާތަކެތި އަތުލައިގަތުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގައި މާފަންނުގެ ގެއަކުން 42 ކިލޯގެ ހެރޮއިން އަތުލައިގެންފައިވަނީ މާރޗް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ މައްސަލައިގެ އެންމެ އިސް މޭސްތިރިޔާ ކަމަށް ތުހުމަތުކުރެވޭ އަހުމަދު ހުސައިން ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވަނީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފަ އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި އަލިފުށީ ދާއިރާއަށް ވާދަކޮށްފައިވާ އަޙްމަދު ޙުސައިންގެ ބަންދު މަޖިލީހުގައި ފުލުހުންބުނެފައިވަނީ އަޙްމަދު ޙުސައިންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ކަމަށެވެ. އަދި މަސްތުވާތަކެތި އަތުލައިގަތުމުން ފުލުހުންނަށް ފިލުމަށް އަހްމަދު ހުސައިން އޭނާ ގެންގުޅޭ ފޯނު ނަންބަރާއި ފޯނު ވެސް ބަދަލުކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބަންދު މަޖިލީހުގައި އަޙްމަދު ޙުސައިންގެ ފަރާތުން ބުނެފައިވަނީ އެއީ އޭނާއާ ދެކޮޅުވެރިކަމެއް އޮތް ފަރާތަކުން އޭނާއަށް ދެރައެއް ދިނުމަށް ޖެއްސި މައްސަލައެއް ކަމަށެވެ.

މި މައްސަލާގައި ޤާޟީ ޞަފްވަތު ޙަބީބުވަނީ އަޙްމަދު ޙުސައިންގެ ބަންދަށް 10 ދުވަސް އިތުރުކޮށްދީފައެވެ.

އަޙްމަދު ޙުސައިންގެ މައްސަލާގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ޕީއެންސީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ހުސައިންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފައިވާތީ އޭނާ ޕާޓީގެ ކައުންސިލް މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް އިދިކޮޅު ކޯލިޝަނުންވަނީ ގޮވާލާފައެވެ.

މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޕީއެންސީގެ ކައުންސިލް މެންބަރަކު ހައްޔަރުކޮށްފައިވެއެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 130 ކިލޯއާއެކު ހައްޔަރުކޮށްފައިވަނީ އެ ޕާޓީގެ މެންބަރެއް ކަމަށްވާ ޝަހީބް އިބްރާހީމެވެ. އެފަހަރުވެސް އެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ އެޕާޓީގެ ކައުންސިލުން ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން