ސަރުކާރުން އަލަށް އަޅާ ހޮސްޕިޓަލްތަކުގެ ޑިޒައިނެއް
ސަރުކާރުން އަލަށް އަޅާ ހޮސްޕިޓަލްތަކުގެ ޑިޒައިނެއް
ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ކުވެއިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގައި ހޮސްޕިޓަލް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ.ހަނިމާދޫ އާއި ށ.މިލަންދޫ އާއި ނ.ވެލިދޫއާއި ކ.ތުލުސްދޫ އާއި އދ.މާމިގިއްޔާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުއްޓެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ކޮންމެ ހޮސްޕިޓަލަކަށް ބިޑް ސެކިޔުރިޓީގެ ގޮތުގައި 35،000 އެމެރިކާ ޑޮލަރު ނުވަތަ އެއާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާއިން ހުށަހަޅަންޖެހޭނެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހަތް ރަށުގެ އިތުރުން، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ހދ. ކުޅުދުއްފުށި، އަދި އއ. ރަސްދޫގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްތަކުގެ ޑިޒައިން މަސައްކަތް ނިމުމުން ޓެންޑާއަށް އިއުލާން ކުރާނެ ކަމަށެވެ.

މިހާރު އިޢުލާނުކޮށްފައިވާ 7 ރަށުގެ ބީލަމުގައި ބައިވެރިވުމަށް  1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 5 އެޕްރީލް އިން 6 ޖޫންއަށް، ބަނޑޭރި ޕޭ  މެދުވެރި ކޮށެވެ. ބިޑު ހުޅުވުން އޮންނާނީ 9 ޖޫން ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަހަރު 25 ހޮސްޕިޓަލެއް އެޅުމަށް މިއަހަރު މަސައްކަތް ފަށާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން