އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް (ވ)
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް (ވ)
ސަރުކާރަށް ކޮށްދެވޭނެ ކަމަކީ ކަންކަން މަގުފަހިކޮށްދިނުންކަމަށާއި އެކަން މިސަރުކާރުން ކުރަމުންދާކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ތަރައްގީ ކުރުމަށް މިސަރުކާރުން އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާކަމަށް އައްޑޫސިޓީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވުމާ ގުޅިގެން އަސްލަމް ވިދާޅުވީ ސަރުކާރަށް ކޮށްދެވޭނެ ކަމަކީ ކަންކަންކުރަން މަގުފަހިކޮށްދީ އެކަމަށް ބޭނުންވާ ނިޒާމު އެކަށައަޅައިދިނުން ކަމަށެވެ. އަދި މިސަރުކާރުން އެކަންކަން އައްޑޫސިޓީއަށް ކޮށްދެމުންދާ ކަމަށާއި އޭގެ ނަތީޖާވެސް ފެންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން އައްޑޫ ތަރައްގީކުރުމަށް ވީވައުދުތަކާ އެއްގޮތަށް މަސައްކަތް ނުކުރާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވުމަކީ ހިތްދަތިވާ ކަމެއްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެގޮތުން އައްޑޫގެ ތަރައްޤީއަށް ބޭނުންވާ އެތައް ޕްރޮޖެކްޓެއްގައި ސޮއިކޮށް މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ވަރަށް ގިނަ މީހުން އެބަ ބުނޭ ހެރެތެރެ އާއި ވިލިނގިލި ހިންގުވުމަކީ ސަރުކާރުގެ ޒިންމާއެކޭ. ކޮންމެ ސަރުކާރުންވެސް ކޮށްދޭނެ ކަމަކީ ވިޔަފާރިއަށް މަގުފަހިކޮށްދިނުން. އެކަން މިސަރުކާރުންކުރޭ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެތައް އަހަރެއްވަންދެން އައްޑޫ ރައްޔިތުން އިންތިޒާރު ކުރަމުންގެންދިޔަ އައްޑޫ މަގުތައް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އައްޑޫގެ ބިން ހިއްކައި ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެކަމަށެވެ. އަދި ބަނދަރު ވެސް އިތުރަށް ބޮޑުކޮށް ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އައްޑޫގައި މިވަގުތު ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ރޭގެ ޖަލްސާގައި އަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން