މަގޫދޫ ފެނުގެ ނިޒާމް
މަގޫދޫ ފެނުގެ ނިޒާމް
ޑިޒައިން އެންޑް ބިލްޑް އުސޫލުން ފ.މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި، ސިސްޓަމް ޓެސްޓްކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިންމާލުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ދާދިފަހުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި އެމަސައްކަތް ކުރުމަށް ކުންފުނިތަކާއި ހަވާލުކޮށްފައެވެ. އެގޮތުން މަގޫދޫ ފެނާއި ނަރުދަމާގެ މަސައްކަތް 2 އަހަރުތެރޭގައި ނިންމުމަށް އަލްޓެކް މޯލްޑިވްސް އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ މަގޫދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ސިސްޓަމް ޓެސްޓްކުރުމުގެ މަސައްކަތްކޮށްފައިވަނީ ފެނަކަ އާއި އަލްޓެކް މޯލްޑިވްސްގެ އިތުރުން މަގޫދޫ ކައުންސިލާއި މިނިސްޓްރީ ގުޅިގެންކަމަށެވެ. ސިސްޓަމް ޓެސްޓްކުރުމުގެ މަސައްކަތްކޮށްފައިވަނީ އޭޕްރީލް 17 އަދި 18 ވަނަ ދުވަހުއެވެ.

މިނިސްޓްރީން ބުނީ މަގޫދޫގައި ގާއިމު ކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާއި އެއްގޮތަށް ޑީސެންޓްރަލައިޒްޑް ފެނާއި ވާރޭފެން އެއްކޮށްގެން ފެނުގެ ހިދުމަތް ދެވިގެން ދާނެ ނިޒާމެއްކަމަށެވެ. މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރު.އޯ ޕްލާންޓާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރގެ 2 ޓޭންކު ވަނީ ގާއިމުކޮށްފައެވެ. އަދި ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަން އާއި 4.2 ކިލޯމީޓަރގެ ފެނުގެ ވިއުގައެއް ގާއިމުކޮށްފައިވެއެވެ.

މި ދެ ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކުރުމަށްފަހު، ފެނާއި ނަރުދަމާގެ ހިދުމަތް ދޭނެ ފަރާތަކާ ހަވާލުކުރުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން މިހާރު ދަނީ ކުރަމުންކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން