ރައީސް މައުމޫން އަދި ރައީސް ޔާމީން
ރައީސް މައުމޫން އަދި ރައީސް ޔާމީން
ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެއްކެވި ވާހަކަފުޅަށް ރައީސް މައުމޫނުގެ ޕާޓީ، އެމްއާރްއެމުން ރައްދު ދީފިއެވެ.

އެ ޕާޓީން ރައީސް ޔާމީނަށް ރައްދު ދީފައި މިވަނީ، ވިލިމާލޭ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި އިއްޔެ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދިގު މުއްދަތެއް ވަންދެން ޖަލުގައި އޮންނަވަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިގޮތަށް ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނެރުއްވާފައިވާ ގަރާރާއި ގުޅިގެން ދެއްކެވި ވާހަކަފުޅުތަކުގައެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ގިނަ ދުވަސްވެފައިވާ ފުލުހުން އިދިކޮޅު ފަރާތްތަކާއި ކުރިމަތިލާން ނިކުންނަން ބޭނުން ނުވާ ކަމަށާއި އިދިކޮޅު ފަރާތްތައް ތަޅާ ސުންނާފަތި ކުރަމުންދަނީ އަލަށް ވެއްދި ފުލުހުންތަކެއް މަގުމައްޗަށް ނެރެގެން ކަމަށެވެ.

"ހާލަތު ބަދަލުވާނެ. މާތްﷲ ގެ ނިންމެވުމަކަށް ގޮންޖެހޭނެ އެއްވެސް ބަޔަކު ނޫޅޭނެ. ތި ސީޕީ ހަމީދު ވެސް ޖެހޭނީ ގެއަށްދާން. ނޫނީއްޔާ ދިގު މުއްދަތުގައި ޖެހޭނީ ޖަލުގައި ހޭދަކުރަން." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަން އުޅުނު ކަމަށާއި، އެކަމުގެ ފަހަތުގައި ހުންނެވި އެންމެ އިސް މޭސްތިރިއަކީ ރައީސް މައުމޫންކަމަށް އެދުވަހުގެ ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ، ރައީސް މައުމޫން ޖަލަށް ގެންދަން ޖެހުނީ ސްޕްރީމް ކޯޓު ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަސައްކަތްޕުޅު ކުރުމުން ކަމަށެވެ.

އެމަނިކުފާނުގެ މި ވާހަކަފުޅުތަކާއި ގުޅިގެން އެމްއާރުއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ 2 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ކަމަށް ވިދާޅުވި ނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ތާރީހުގައި ސަރުކާރު ވައްޓާލުމަށް، ނުވަތަ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލޭގޮތަށް އެއްވެސް އަމުރެއް ނެރެފައި ނުވާކަމަށެވެ.

އަދި އެ ތާރީހުގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވަނީ، އޭރުގެ ސަރުކާރުން ސިޔާސީ ޖައްބާރުކަމުގައި އެއްވެސް އަސާސެއް ނެތް ތުހުމަތުތައްކޮށް، ޝަރުއީ ދާއިރާއަށް ނޫފޫޒު ފޯރުވައިގެން އެކި ގޮތްގޮތަށް ބަންދުކޮށްފައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރުއެމުން ބުނީ، ސުޕްރީމް ކޯޓުން ނެރުނު އެ އަމުރު ތަންފީޒުކުރަން ސީދާ ދެކޮޅު ހަދައި އޭރު ތަންފީޒީ އިދާރާތަކުގައި ތިބި އެތައް މުވައްޒަފުންނެއް ގާނޫނާއި ހިލާފަށް އަމަލުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން މަޖުބޫރު ކުރިކަމަށެވެ. އަދި އެ އަމުރު ތަންފީޒު ނުކުރުމަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި، ގާޒީން ހައްޔަރުކޮށް ޖަލަށްލާ އަދި އޭރު ޖަލަށް ނުލެވި ތިބި އެތައް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލި ކަމަށެވެ.

"ކުރީގެ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް މި ޕާޓީގެ ޒައީމް އެއްވެސް އިރަކު މަސައްކަތް ކުރައްވާފައެއް ނުވޭ." ބަޔާނުގައި ވެއެވެ.

ރައީސް ޔާމީން މަގާމުގައި ހުންނެވިއިރު ވެސް ކަން ކުރެއްވި ފަދައިން، ދެންވެސް ވެރިކަން ލިބިއްޖެ ނަމަ އަނިޔާވެރިކަން އިސްކޮށް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ހުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތަށް ޖަލަށް ލާނެ ފަދަ މޭރުމަކަމުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް އެމްއާރްއެމްގެ ބަޔާނުގައި، ކުއްވެރި ކޮށްފައި ވެއެވެ.

އަދި އެވާހަކަތައް ފުލުހުންނާއި ކަމާބެހޭފަރާތްތަކުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ވަނީ ގޮވާލާފައެވެ.

އެ ބަޔާނުގައި ވަނީ އެފަދަ ވާހަކަތަކަށް ނުހެއްލުމަށާއި، ސިޔާސީ ދަހިވެތިކަމުގައި ދައްކާ އެފަދަ ވާހަކަތަކުގެ ދަޅައިގައި ނުޖެހުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން