2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ތާއީދު ނުކުރާކަމަށް ޗެއާޕާސަން ކަމަށް ވާދަ ކުރަށްވާ އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބާއި ގުޅުވައިގެން އެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި، ރާއްޖެ ޓީވީން މިރޭ ވަނީ ކެންޑިޑޭޓުންގެ ބަހުސެއް ކުރިޔަށް ގެންގޮސްފައެވެ. ބަހުސްގެ ސުވާލުތައް އެކި ބައިތަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔައިރު، އޭގެ ތެރެއިން އެއްބައިގައި، ދެ ކެންޑިޑޭޓުންނަށް ވެސް ކޮށްފައިވަނީ ޖަވާބުގައި ހަމައެކަނި އާނއެކޭ ނުވަތަ ނޫނެކޭ ވިދާޅުވާން ޖެހޭފަދަ ސުވާލުތަކެކެވެ.

އެގޮތުން، ކުރި އެއްސުވާލަކީ، ރައީސް ޞާލިޙަށް އިތުރު ދައުރެއްގެ ޓިކެޓު ދޭން ތާއީދު ކުރަންތޯ ކުރި ސުވާލެވެ. އެ ސުވާލުގެ ޖަވާބުގައި އިމްތިޔާޒު ފަހުމީ ވިދާޅުވާން ފެއްޓެވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައި އޮންނަ ޕްރައިމަރީގެ ވާހަކައެވެ. ނަމަވެސް ބަހުސް ހުށަހަޅައިދިން ފަރާތުންވަނީ އިންތިގެ ވާހަކަ ހުއްޓުވާ، ޖަވާބުގައި އާނއެކޭ ނުވަތަ ނޫނެކޭ ވިދާޅުވުމަށް ހަނދާންކޮށްދީފައެވެ.

ސުވާލު ފެށުމުގެ ކުރިން އިރުޝާދު ދިންގޮތަށް ޖަވާބު ދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އިންތި ވިދާޅުވީ، "ޕްރައިމަރީއެއް އޮންނާނެ އިނގޭތޯ" މިފަދައިންނެވެ.

ހަމަ މިސުވާލު ދެން މި އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ވެސް އަމާޒުކުރިއެވެ. ކުރުކޮށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ގަދަކޮށް ތާއީދު ކުރައްވާކަމަށެވެ.

އެ ސުވާލަށް އިންތި ޖަވާބު ދެއްވި ގޮތުން، ގިނަބަޔަކު މިހާރުދަނީ މީސްމީޑިއާގައި އެކަމަށް ފާޑުކިޔަމުންނެވެ. އެމްޑީޕީގެ ވެރިކަމެއް އޮވެމެ އަދި ރައީސް ޞާލިޙަކީ އެމްޑީޕީގެ ބޭފުޅަކަށް ވާއިރު އެމަނިކުފާނަށް ރިޔާސީ އިތުރު ދައުރަކަށް ޓިކެޓު ދޭން ތާއީދު ކުރައްވަން ޖެހިލުންވެވަޑައިގެންނެވުމަކީ، ނުވަތަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން އިންތި ބޭނުން ނޫންކަން ހާމަކުރެއްވުމުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަން ސަރުކާރާއި ދުރުވެފައިވާކަން ހާމަވާކަމެއްކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޕާޓީގެ ދެފެކްޝަންގެ ދެމެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން