އުތުރުގެ ރަށެއްގައި ކުޑަކުދިންތަކެއް އެހެން ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެ، އެ މައްސަލަ ކަމާއި ބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ މިވީޑިއޯއިން ފެންނަ ގޮތުގައި ކުދި ބަޔަކު ވެގެން އަނިޔާ ލިބުނު ކުއްޖާ ރަށުގެ އެކަހެރި ހިސާބަކަށް ގެންގޮސް ވަނީ އަނިޔާކޮށްފައެވެ. އަދި އަނިޔާކުރުމަށް ގޮފިގަނޑެއްކަހަލަ އެއްޗެއްވެސް ބޭނުންކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އެކުއްޖާއަށް އަނިޔާ ލިބެމުންދިޔައިރު، އެ ކުއްޖާ ގަދަ ހަދައި، ނުވަތަ ރައްދުގައި ޖަހާފައިވެސް ނުވެއެވެ. ނަމަވެސް އެކުއްޖާގެ ރުއިމުގެ އަޑު އިވެއެވެ.

ކުއްޖާއަށް އަނިޔާކުރުމަށް ފަހު އެކުއްޖާއާ ދިމާލަށް "ނައްޓާލާ" އޭ ބުނުމުން ކުއްޖާ ދާން ފެށުމުން އެ ކުއްޖާއަށް ގަނާކުރުމުގެ ގޮތުން އެކި އެއްޗެހި ކިޔާ އަޑު ވީޑިއޯއިން އިވެއެވެ.



"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގީ ށ. މިލަންދޫގައެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުވެ އެކަން ސަމާލުކަމަށް އައުމާއެކު މިހާރު މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި ޖެންޑާރ މިނިސްޓްރީގެ ޓީމެއްވެސް އެރަށަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ މައްސަލަތައް ބަލާކަމަށް ފުލުހުން ބުނި ނަމަވެސް، އާއްމު ގޮތެއްގައި މިފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނާޅާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި މިކަހަލަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު އަޅާނަމަ މިފަދަ މައްސަލަތައް މަދުވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން