ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ކުރީގެ ޔޫތު މިނިސްޓަރުގެ އަނބިކަނބަލުން ނަޒުރާ ނަސީމުގެ ބޭބެ، ކުރީގެ ނާއިބު ރައީސް ފައިޞަލް ނަސީމް އެންޓިކެމްޕޭން ކުރެއްވިކަމަށް އޭނާ ވާދަކުރި ފުވައްމުލަކު ދެކުނު އެމްޑީޕީ ގޮފިން ވެސް ބުނެފިއެވެ.

މިކަން ހާމަކޮށް އެގޮފިން ނެރުނު ބަޔާނުގައި ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާ ގައި އެމްޑީޕީ ބަލިވީ 500 ވޯޓުން ކަމަށާއި އެކަމަކު މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެ އަދަދު 48 އަށް ކުޑަވި ކަމަށެވެ. ނަމަވެސް ގޮނޑި ނެގުމަށް ހުރަހަކަށްވީ ފައިސަލް ނަސީމްކަމަށް ތުހުމަތުކޮށް ބަޔާނުގައި ބުނީ، ފުނާޑު އަދި ދޫޑިގަމަށް ނިސްބަތްވާ ރައްޔިތުންނަށް ފައިސަލް ގުޅާ، ނަޒްރާއަށް ވޯޓު ނުދޭން އެދިވަޑައިގެންފައިވާ ކަމަށެވެ.

އޭގެ އިތުރުން ވެސް އެ ބަޔާނުގައި ބުނީ، ނަޒްރާގެ ކެމްޕޭނަށް ފައިސަލް ނުގެނެވޭނެ ކަމަށާއި އެމަނިކުފާނުގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށް ވާދަވެރި ކެމްޕޭނު ޓީމުން ބުނަމުން ދިޔަ ކަމަށާއި ޒިންމާދާރު މަގާމެއް ފުރުއްވާފައިވާ ބޭފުޅަކު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ނުކޮށް ވާދަވެރި ކެންޑިޑޭޓަށް ތާއީދު ކުރުމަކީ އެ ދާއިރާގެ އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުންގެ ހައްގަށް އުނިކަމެއް ލިބުނު ކަމެއް ކަމަށެވެ.

އަދި މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ރަނިން މޭޓަކަށް މުހައްމަދު އަސްލަމް ހަމަޖެއްސުމުން ފައިސަލް ގެންދެވީ ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށް ވެސް ބަޔާނުގައި ވަނީ ތުހުމަތު ކޮށްފައެވެ.

އެމްޑީޕީ ފުވައްމުލަކު ދެކުނު ގޮފިން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ނަޒޫގެ ފިރިކަލުން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވެސް ވަނީ ފައިސަލަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި އެކަން ފުލުހުނަށްވެސް ހުށަހަޅާފައިވާނޭ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން