މިއަދު އަވަހާރަވި ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީގެ ރައިސް ޝައިހް ހަލީފާއަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ އެކުވެރި އަރަބް އިމާރާތުގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.

ރައީސް ސާލިހުގެ މެސެޖުގައި ވަނީ ޔޫއޭއީގެ ރައީސް އަވަހާރަވުމާއި ގުޅިގެން ހިތާމަ ފާޅުކުރައްވާކަމަށް ވިދާޅުވެފައެވެ. ރައީސް ސާލިހު ވިދާޅުވީ ޝައިހް ހަލީފާއަކީ ދުރުވިސްނިވަޑައިގަންނަވާ، ހަރުދަނާ ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ޔޫއޭއީގެ ޝާހީ އާއިލާއާއި ޔޫއޭއީގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.

ޝެއިޚް ޚަލީފާ ބިން ޒައިދް އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައިކަން ޔޫއޭއީގެ މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއާޒުން ވަނީ ޔަގީންކަން ދީފައެވެ. އެމަނިކުފާނު އަވަހާރަވިއިރު، އުމުރުފުޅުން 73 އަހަރު ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެމަނިކުފާނު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ.

ޝެއިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާނަކީ ޔޫއޭއީގެ ފުރަތަމަ ރައީސް، ޝެއިޚް ޒައިދް ބިން އަލް ސުލްތާން އަލް ނަޙްޔާންގެ ދޮށީ ދަރިކަލުންނެވެ. ބައްޕާފުޅު އަވަހާރަވުމާއިއެކު ޝެއިޚް ޚަލީފާ ޔޫއޭއީގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ 2004 ވަނަ އަހަރުއެވެ.

ޝެއިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާން އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން 40 ދުވަހަށް އެގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިން ދުވަހުގެ މުއްދަތަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ އޮފީސްތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން