ރޫޅާލައިގެން ލިބުނު މޮޅެއް އޮތްތޯއޭ ވިދާޅުވެ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އަޙުމަދު ސައުދު ސުވާލު ކުރަށްވައިފިއެވެ.

ސައުދު މިހެން ވިދާޅުވެ ސުވާލުކުރެއްވީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ސައުދުގެ ސުވާލު އަމާޒުކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް އަށް ކަމަށް ބެލެވެއެެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީ އެމަނިކުފާނު "ރޫޅާލާނެ" ކަމަށް ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްއިން ވަނީ މަޖިލީހުގެ 39 ދާއިރާއަށް ވާދަކޮށްފައެވެ. މަޖިލީހުގެ އިތުރު ދައުރަކަށް އެޕާޓީގެ ފަރާތުން ވާދަ ކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ވެސް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭ ގޮތް ނުވެ ބޮޑު ނާކާމިޔާބަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ލީޑަރޝިޕްގައި އިސްކޮށް މަސައްކަތްކުރެއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދު ﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި މާފަންނު މެދު ދާއިރާގެ މުޙައްމަދު ރަޝީދު (ބޮންޑެ) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހިމެނިވަޑައިގަންނަވައެވެ.

އެކަމަށް އިޝާރަތްކުރަށްވައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަޙުމަދު ސައުދު ވަނީ ރޫޅާލައިގެން ލިބުނު މޮޅެއް އޮތްތޯ ސުވާލު ކުރަށްވާފައެވެ. އަދި ގެއްލުންވީ ސަަޕޯޓަރުންނާއި ޕާޓީގެ ލީޑަރޝިޕްގައި އުޅުނު ލީޑަރޝިޕަށް ކަމަށް ސައުދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޔާސީ ކަންކަމަކީ ވަކި މީހެއްގެ އެއްޗެއް ނޫންކަން މިހާރު އެނގޭނެ ކަމަށެވެ.

"ވިސްނާ ފިކުރު ކުރާ ބަޔަކަށް ބޮޑު އިބްރަތެއް، ގޮތް ނިންމާނީ އަބަދުވެސް ރައްޔިތުން،" ސައުދު ވިދާޅުވިއެވެ.



އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ އެ ޕާޓީގެ ރައީސްކަން ވެސް އެންމެ ގިނަ ދުވަހު ކުރެއްވީ ރައީސް ނަޝީދެވެ. އެމަނިކުފާނަކީ އެމްޑީޕީގެ ރޫޙާނީ ލީޑަރު ކަމަށް ބަޔަކު ދެކެމުން އައި ބޭފުޅެެކެެވެ. ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީގެ ތިލަފަތް އޮތީ އެމަނިކުފާނަށް ކަމަށާއި ޕާޓީގެ ތާއިދު އޮތީ އެމަނިކުފާނަށް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ވެރިކަމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު ނަޝީދު އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ. ނަޝީދާއެކު އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ގިނަ ބޭފުޅުންތަކެއް ޑިމޮކްރެޓްސް އާއި ގުޅިވަޑައިގަތެެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވެ، 20ވަނަ މަޖިލީހުގެ އިންތިޚާބަށް ނިކުތްއިރު، މަޖިލީހުގައި ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބެވެ. އެ ހުރިހާ މެންބަރުން ވެސް މަޖިލީހަށް އިންތިޚާބުވެ ވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައެެވެ. އެހެން ނަމަވެސް ޑިމޮކްރެޓްސްގެ ޓިކެޓްގައި އެބޭފުޅުން މިފަހަރު މަޖިލީހަށް ވާދަކޮށް ފެއިލްވުމުން އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ފާޑުކިޔަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން