ރައީސް ނަޝީދު އަދި ފައްޔާޒު އިސްމާޢީލް
ރައީސް ނަޝީދު އަދި ފައްޔާޒު އިސްމާޢީލް
އިއްޔެ ބޭއްވި އެމްޑީޕީގެ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އެމަނިކުފާނަށް ތާއީދު ކުރެއްވި ރައީސް މުޙައްމަދު ނަޝީދު ބަލި ގަބޫލު ކުރައްވައި މަރުހަބާ ދެންނެވުމުން، އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް އެ ދެބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ އިންތިހާބުގައި ވޯޓް ދިން މީހުންގެ 58 ޕަސެންޓް ވޯޓާއެކުއެވެ. އިންތިއަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ފައްޔާޒު އިސްމާއިލް ކަށަވަރު ކުރެއްވިތާ އެތައް އިރެއް ފަހުން އިންތި ވަނީ ފައްޔާޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމްޑީޕީ އާއެކު ސާބިތުވެ ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ފައްޔާޒަށް މަރުހަބާ ދެންނެވުމުން ފައްޔާޒު ވަނީ އިންތިއަށް ޝުކުރު އަދާކުރައްވާފައެވެ. ފައްޔާޒު ވިދާޅުވީ، އިންތިއަކީ އޭނާގެ ވާދަވެރި ކެންޑިޑޭޓު ކަމަށްވިޔަސް ކުރިންވެސް ވިދާޅުވި ފަދައިން އިންތިހާބަށްފަހު ދެ ބޭފުޅުންވެސް ތިއްބަވާނީ އެކުގައި ކަމަށެވެ.

"ޝުކުރިއްޔާ އިންތި. ވާދަވެރި މި ސިޔާސީ ހަރަކާތުން އެނގޭ އެކައްޗަކީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް މިންވަރު. އަޅުގަނޑުގެ ވާދަވެރި ކެނޑިޑޭޓު ކަމުގައި ވިޔަސް، ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެން އިންތިހާބަށް ފަހުގައި ތިބޭނީ އެއްކޮށް. މިޕާޓީ ދާނީ އެކީ އެކަށް ކުރިއަށް." ފައްޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

އިންތި ފައްޔާޒަށް މަރުހަބާ ވިދާޅުވުމާއިއެކު، ރައީސް ނަޝީދު ވެސްވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ، ފަޔާއާއި ފަޔާގެ ކެމްޕޭން ޓީމަށާއި އަދި އިންތިއާއި އިންތިގެ ކެމްޕޭން ޓީމަށްވެސް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ފަޔާގެ ޗެއަރޕާސަންކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީ ހޯދޭނެކަމާމެދު އެމަނިކުފާނުގެ ހިތުގައި ޝައްކު ނުހިނގާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވަމުން ފަޔާ ވިދާޅުވީ، ރައީސް ނަޝީދުގެ އިރުޝާދާއި އެހީތެރިކަމާއެކު، ގައުމުގެ ޑިމޮކްރަސީ ކުރިއެރުވުމަށާއި ތަރައްގީ ގެނައުމުގައި ކުރިޔަށް ވަޑައިގަންނަވަން ހުންނެވިކަމަށެވެ.

އިއްޔެ ބޭއްވި އިންތިހާބަކީ އެމްޑީޕީގެ ތާރީހުގައި ވެސް ބޭއްވި އެންމެ ވާދަވެރި އިންތިހާބެވެ. ދެފަޅި ވެފައިވާ ޕާޓީގެ ފެކްޝަންތަކުން ކެންޑިޑޭޓުން ނެރެގެން ބޭއްވި މި އިންތިހާބުގައި ގިނަ އޮޅުވާލުންތަކެއް ހިނގާފައިވާކަމަށް އިންތިގެ ޓީމުން ދިޔައީ ފާހަގަ ކުރަމުންނެވެ. އަދި ރޭގެ އިރާކޮޅު ނަތީޖާ ކަށަވަރު ވީނަމަވެސް، މިއަދުގެ މިހާތަނަށް އިންތިގެ ޓީމުން ވަނީ އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ތިއްބަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން