ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 50 ޓަނުގެ ކަދުރު ޙަވާލުކުރުން
ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 50 ޓަނުގެ ކަދުރު ޙަވާލުކުރުން
ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 50 ޓަނުގެ ކަދުރު ބެހުމުގައި މިއަހަރު އިސްކަންދެނީ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކަށް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 50 ޓަނުގެ ކަދުރު ބަހާނީ، މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ކުޅުދުއްފުށި ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުންނެވެ. އަދި 2022 ވަނަ އަހަރު އެ މިނިސްޓްރީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭނެ ކަމަށް އުޞޫލުގައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރެވެ. ގޭބިސީތަކަށް ކަދުރު ބަހާނީ، ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށް އުސޫލުގައި ވެއެވެ.

މިގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުންނެވެ. އެގޮތުންވެސް ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕަކެޓް ކަދުރެވެ. މިނިސްޓްރީން ބުނީ ކަދުރު ބަހާނީ، ޢާންމުކޮށް އިޢުލާނެއް ކުރުމަށްފަހު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކައުންސިލުތަކާއި ޙަވާލުކޮށްގެން ކައުންސިލުތަކުން ކަމަށެވެ.

މިނިސްޓްރީން ބުނީ މާލެއާއި، ވިލިމާލޭގައި އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މެދުވެރިކޮށް ކަމަށެވެ. ރަށްރަށަށް ކަދުރު ބަހާނީ، ރަށު ކައުންސިލްތަކުން 2022 ވަނަ އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު، ކައުންސިލުންނެވެ.

މީގެ އިތުރުން، ރަށްރަށަށް ކަދުރު ގެންދިޔުމަށްޓަކައި ކުރަންޖެހޭ ދަތުރުފަތުރުގެ އެންމެހާ ޚަރަދުތަކާއި ނާލު ދައްކަންޖެހޭނީ ކައުންސިލުން ކަމަށްވެސް އުސޫލުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން