އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
އިލެކްޝަން ކޮމިޝަން، އީސީގެ ދަފުތަރާ އެއްގޮތަށް ޕާޓީތަކުގެ ދަފުތަރު ބައްޓަންކުރުމަށް އީސީގެ ރައީސް ފުއާދު ތައުފީގު އެދިވަޑައިގެންފިއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި، ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކަށް ވާދަވެރި ޕާޓީތަކުން ނުފޫޒު ފޯރުވާކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެކަން ޙައްލު ކުރެވޭނީ އީސީގެ ދަފުތަރާ އެއްގޮތަށް ސިޔާސީ ޕާޓީތަކުން ވެސް ދަފުރަތު އެކުލަވައިލުމުން ކަމަށެވެ. އަދި ފުއާދު ވަނީ އީސީގެ ދަފުތަރާ އެއްގޮތަށް ޕާޓީތަކުގެ ދަފުތަރު ބައްޓަންކުރުމަށް އެދިވަޑައިގެންފައެވެ.

ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި ވަކި ޕާޓީއަކަށް ރަޖިސްޓްރީ ވެފައިވާ މީހަކު އޭނާ ރަޖިސްޓްރީ ވެފައިވާ ޕާޓީ ނޫން ޕާޓީތަކުގެ ޕްރައިމަރީގައި ވޯޓުލާކަން ފާހަގަވެފައިވާ ކަމަށެވެ.

"މިސާލަކަށް އެބައުޅޭ ހަމަ އެމްޑީޕީގެ ޕްރައިމަރީއެއްގަ ވެސް ވޯޓުލާމީހުން ޕީޕީއެމްގެ ޕްރައިމަރީއެއްގައި ވެސް ވޯޓުލާނެ. އަދި ޖުމްހޫރީ ޕާޓީގެ ޕްރައިމަރީއެއް ބާއްވައިފިއްޔާ އެޕާޓީގަވެސް ވޯޓުލާ ބަޔަކު އެބައުޅޭ. އެކަމަކު އިލެކްޝަންގައި އޮންނާނީ ކޮންމެވެސް އެއްޕާޓީއެއް ނަމުގަ." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެކަން ޙައްލު ކުރެވޭނީ އީސީގެ ދަފްތަރާ އެއްގޮތަށް ޕާޓީތަކުގައި އޮންނަ ދަފްތަރު ބަދަލުކޮށްގެން ކަމަށެވެ. އަދި ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި އީސީގެ ރޯލެއް ނޯންނަ ކަމަށާއި، އެހެންކަމުން ހުށައެޅޭ އެފަދަ ޝަކުވާތައް ބެލެން ނޯންނަ ކަމަށް ފުއާދު ވިދާޅުވިއެވެ.

ރޭ ފުއާދު ވިދާޅުވީ އީސީގެ ދަފުތަރު ހޯދަން ޕާޓީއަކުން އެދިއްޖެނަމަ ދަފުތަރު ފޯރުކޮށްދޭނެ ކަމަށާއި، އެތެރޭގެ އިންތިހާބުތަކާއި ގުޅޭ ކަންކަމުގައި އެހީތެރިކަން ބޭނުންނަމަ އެކަންވެސް ކޮށްދޭނެ ކަމަށެވެ.

ދާދިފަހުންބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައިވެސް ޕީޕީއެމްގެ ވިއްސަކަށް ހާސް މީހުން ވޯޓުލާނެ ކަމަށް ލަފާކުރެވޭ ކަމަށް އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި އެ އިންތިޚާބު ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާޢީލްވެސް ވިދާޅުވިއެވެ. އެ އިންތިޚާބުގައި އެމްޑީޕީން ޢާއްމުކުރި ދަފްތަރުގައި ނުވަދިހަ ހަތަރުހާސް މީހުން ތިބި ނަމަވެސް އީސީގެ ދަފްތަރުގައި އޮތީ އެޕާޓީގެ ފަންސާހަކަށް ހާސް މެންބަރުންނެވެ. އަދި އިންތިޚާބުގައި ވޯޓުލާފައިވަނީވެސް ސާޅީސް ނުވަހާސް މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން