ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު އާއި، ނިހާން
ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު އާއި، ނިހާން
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދަޢުވާއެއް ދަޢުލަތުން އަނބުރާ ގެންގޮސްފިއެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރެއްވި އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން 6 ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދަޢުވާއެއް ހިމެނެއެވެ. އޭގެތެރެއިން ރިޝްވަތު ހިފުމުގެ އެއް ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައިވާކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ އަލީ އާދަމް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ސިޓީއަކުން ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ހަ ޤަޟިއްޔާގެ ތެރެއިން 2020 ވަނަ އަހަރުގެ 879 ވަނަ ޤަޟިއްޔާ އުނިކޮށް އޭގައި އުފުލާފައިވާ ދައުވާ އަނބުރާ ގެންދަން ނިންމިކަން އަންގާފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ދައުލަތުން އެ ދައުވާ އަލުން މުރާޖައާކޮށް އެއީ މި ވަގުތަށް އަނބުރާ ގެންދަން ޖެހޭ ދައުވާއެއް ކަމަށް ފެންނާތީ އަނބުރާ ގެންދިޔައީ ކަމަށެވެ. އެގޮތުން އެމައްސަލާގައި މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާތީ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންދަން ދައުލަތުން ވަނީ ނިންމާފައެވެ.

ދަޢުލަތުން އަނބުރާ ގެންދިޔަ ދަޢުވާއަކީ ނިހާން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު އަދީބު މެދުވެރިވެގެން އެސްއޯއެފުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ނިހާނަށް ލިބިފައިވާ ކަމަށް ބުނާ މައްސަލާގައި އުފުލާފައިވާ ދައުވާއެވެ. މަނީ ލޯންޑަރިންގެ ދައުވާވެސް ނިހާންގެ މައްޗަށް އުފުލާފައިވަނީ އެ މައްސަލައިގައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅީ ނިހާނުގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިތަކެއް ބަލައިނުގަތުމަށެވެ. އެގޮތުން ނިހާން ހުށައަޅާފައިވާ ބައެއް ހެކިތަކަކީ ދައުވާތަކާ އެއްވެސް ގުޅުމެއް އޮތް ހެކިތަކެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި ނިހާނުގެ ފަރާތުން ހުށައަޅާފައިވަނީ، ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ ހެކިބަހާއި އަދީބުގެ ފޯނު ތަހުލީލުކޮށް ތައްޔާރުކޮށްފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓް ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ބަލައިނުގަތުމަށެވެ. އަދީބަކީ ޚިޔާނާތްތެރިއެއްކަމަށް އަމިއްލައަށް އިޢުތިރާފްވެފައިވާ މީހެއް ކަމަށާއި، ނައިބުރައީސްކަމުން ވަކިކުރި މައްސަލާގައި އަދީބުގެ ހިތުގައި ނިހާނާ ދެމެދު ޙަސަދަވެރިކަމެއް އޮވެދާނެ ކަމަށް ދިފާޢުން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން އަދީބުގެ ފޯނު ފުލުހުންގެ އަތަށް އައިސްފައިވާ ގޮތާއި، 'ޗެއިން އޮފް ކަސްޓަޑީ'އާ މެދު ސުވާލުތަކެއް އުފެދޭ ކަމަށް ދިފާޢުން ފާހަގަކޮށްފައިވެއެވެ.

އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވީ ދެފަރާތުގެ ހުށައެޅުންތަކާމެދު ދެންއޮންނަ ޝަރީޢަތުގެ މަޖިލީހުގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނިހާން މެމްބަރަކަށް ހުންނެވިއިރު އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތުގައި ރިޝްވަތަށް އެދިވަޑައިގެން، އަދި އަދީބު ދީފައިވާ ރިޝްވަތުގައި ވަނީ ހިއްޕަވާފައެވެ.

ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ޝަރީއަތުގައި އެދިފައެވެ. އޭގެ ތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓާއި ފްލެޓާއި ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން