ރައީސް ޞާލިޙް ނިއުގެ އައު މެނޭޖްމަންޓާއި ބައްދަލުކުރެއްވުން
ރައީސް ޞާލިޙް ނިއުގެ އައު މެނޭޖްމަންޓާއި ބައްދަލުކުރެއްވުން
ދަރަނީގެ މައްސަލަތަކަކާ ގުޅިގެން ފުޓުބޯޅައިގެ ޙަރަކާތްތަކުން މިހާރު ސަސްޕެންޑް ކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސަޕޯޓަރުންގެ އުންމީދުގެ ހުޅުކޮޅަކީ ރައީސް ޞާލިޙް ކަމަށް އެ ކްލަބްގެ އައު ހިންގާކޮމިޓީގެ މެންބަރަކު ވިދާޅުވެއްޖެއެވެ.

ކުޅުންތެރިންނާއި ކޯޗުންނަށް ދޭންޖެހޭ މުސާރަތަކެއްގެ ބަހަނާ ދައްކައިގެން ފުޓްބޯޅައިގެ ހަރަކާތްތަކުން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ފުޓުބޯޅައިގައި ޙަރަކާތްތެރިވުމަށް ކުރާ މަސައްކަތުގެ ދަށުން އެކްލަބްގެ ހިންގާކޮމިޓީ ރޭ ވަނީ އިފްތިތާޙުކޮށްފައެވެ. އެކްލަބުގެ އެތެރެއާއި ބޭރުގެ ދަރަނިތަކުގެ ޖުމްލަ ޢަދަދު 6.6 މިލިއަން ރުފިޔާއަށް އަރައެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ބައެއް ވާދަވެރިންގެ ނުފޫޒުން ނިއުރޭޑިއަންޓް ވުޖޫދުން ގެއްލުވާލި ނަމަވެސް ނިއުރޭޑިއަންޓް އެނބުރި އައިސް، ފިޔަގަނޑު ދަމާލަން އެންމެ ބޮޑު ހިތްވަރެއް ދެއްވާފައިވަނީ ރައީސް ޞާލިޙްކަމަށް ނިއުގެ އައު ހިންގާ ކޮމިޓީން "ރަސް އޮންލައިނަށް" ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން އެ މަސައްކަތުގައި ރައީސްގެ މަންދޫބެއްގެ ގޮތުން ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު މިހާރުވަނީ ހަމަޖައްސަވާފައެވެ.



ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް "ކުޅިވަރުގެ ދަނޑުތައް ފުރާލުމަށް" ރާއްޖޭގެ އެންމެ ދުވަސްވީ ދެކްލަބް ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވިކްޓަރީ ސްޕޯޓްސް ކްލަބް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ޞާލިޙް ދެކެވަޑައިގަންނަވައެވެ. އެގޮތުން ވިކްޓްރީ ފުޓުބޯޅައިގެ ތެރެއަށް އެބުރި ގެނައުމަށްވެސް ރައީސްގެ އެހީތެރިކަމާއެކު މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

"އެންމެ ފުރަތަމަވެސް ރައީސް ވިދާޅުވީ ނިއުރޭޑިއަންޓާއި ވިކްޓަރީ އޭގެ ފަހަތުން ވެލެންސިއާ ފަދަ ޓީމްތައް ނެތި ދިވެހި ކުޅިވަރު އާލާކޮށް ދިރުވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް. ރައީސްގެ މި ވާހަކަފުޅުން ނިއުގެ ސަޕޯޓަރުން ތަމްސީލުކުރަން ދިޔަ އަޅުގަނޑުމެންގެ 10 މެންބަރުން އުފަލުން ފެންކަޅި ކޮށްލި." "ރަސް އޮންލައިނަށް" ދެއްވި ބަސްދީގަތުމުގައި ނިއުގެ ހިންގާ ކޮމިޓީގެ މެންބަރު ވިދާޅުވިއެވެ.



ނިއުރޭޑިއަންޓުގެ ކާމިޔާބު ފުޓުބޯޅަ ތާރީޚުގައި އެޓީމުންވަނީ ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބުކޮށް އެޓީމަކީ "ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު"ކަން ސާބިތުކޮށްދީފައެވެ. ނިއުރޭޑިއަންޓްގެ ކާމިޔާބީތަކަށް ބަލާއިރު އެ ޓީމު ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް 2 ފަހަރު އެފްއޭކަޕް މިލްކު ކޮށްފައެވެ. އޭގެ އިތުރުން ގައުމީ ތަށި 13 ފަހަރު ހޯދާފައިވާއިރު އެތަށިވެސް ނިއުރޭޑިއަންޓުން ވަނީ މިލްކުކޮށްފައެވެ. ދިވެހިލީގުވެސް ޖެހިޖެހިގެން 3 ފަހަރު ނިއުރޭޑިއަންޓުން ކާމިޔާބު ކޮށްފައިވާއިރު އެޓީމުގެ ހަރުގަނޑުގައި އަންހެނުންނަށް ޚާއްސަކޮށް އެފްއޭއެމުން ބޭއްވި ފުޓުބޯޅަ މުބާރާތުގެ 2 ތަށިވެސް އެބަ ހުއްޓެވެ. ހަމައެއާއެކު ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން އޭއެފްސީ ކަޕްގައި އެންމެ ދުރަށް ދަތުރުކުރި ޓީމަކީވެސް ނިއުރޭޑިއަންޓެެވެ. އެގޮތުން ނިއުވަނީ އޭއެފްސީ ކަޕްގައި ސެމީއަށް ދަތުރުކޮށް އެމުބާރާތުގެ ތިންވަނަ ހާސިލްކޮށްފައެވެެ.

ނިއު އަކީ ފުޓުބޯޅައިގެ ވަރުގަދަ ތާރިޚެއް އޮތް ދިވެހިންގެ ހިތްތަކުން ފިލައިގެން ދާނެ ނަމެއް ނޫނެވެެ. މިހާރު ދިވެހި ފުޓުބޯޅައިގެ ދިރުން ނެތީ ނިއު ރޭޑިއަންޓް ވުޖޫދުގައި ނެތުމުން ކަމަށް ފުޓުބޯޅައިގެ މުޅި އާއިލާ ގަބޫލުކުރެއެވެ. ގައުމީ ތަށި 2 ފަހަރު މިލްކް ކޮށް އެއްއަހަރުގެ މުޅި ސީޒަން ކާމިޔާބުކޮށްފައިވާ ނިއުގެ ސަޕޯޓަރުންނަކީ އެ ޓީމުގެ ވިންދެވެ.



ނިއުރޭޑިއަންޓުގެ އައު ހިންގާކޮމިޓީން ނިކުންނަނީ ނިއުގެ ހައްގުގައި ނިއުގެ ނުލާ ހުދު ތަމްސީލްކޮށް ނިއުރޭޑިއަންޓް ސަލާމަތް ކުރުމުގެ ވަރުގަދަ އަޒުމުގައެވެ. ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނިއުގެ އައު ހިންގާކޮމިޓީން އެކަން ކުރާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ތާރިޚު ބުނެދެނީ އެވާހަކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން