އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އާމިންދިޔެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުންވެސް ނިންމައިފި އެވެ.

ހައިކޯޓުންވެސް ވަނީ އާމިންދިޔެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނެރުނު އަމުރަށް ތާޢީދުކޮށްފައެވެ. ހައިކޯޓުން ނިންމާފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ. އެކަމާގުޅިގެން ސުޕްރީމް ކޯޓުގައި މައްސަލަ އިލްތިމާސްކުރީ އާމިން ދިޔެގެ ފަރާތުންނެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އާމިންދިޔެ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެކަށީގެންވާ ހެކި ހުރެގެން ކަމަށާއި، ހައި ކޯޓުން އެ އަމުރަށް ތާއީދުކޮށްފައިވަނީވެސް ރަނގަޅަށް ކަމަށެވެ. އެހެންކަމުން، ހައިކޯޓުގެ ހުކުމަށް ބަދަލުގެންނަން ޖެހޭ ގާނޫނީ އަދި ޝަރުޢީ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

އައްޑޫ ސިޓީގައި 6 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި 59 އަހަރުގެ އާމިންދިޔެގެ މައްޗަށް ދައުވާ ނުކުރަން އޭޕްރީލް 21ގައި ޕީޖީ އޮފީހުން ނިންމުމުން އޭނާ ފުލުހުންގެ ބަންދުން ވަނީ ދޫކޮށްލާފައެވެ. ފުލުހުން ހައްޔަރުކުރި 59 އަހަރުގެ އާމިންދިޔެއަކީ އަނިޔާލިބުނުކަމަށް ބުނާ ކުޑަ ކުއްޖާ ތައުލީމް ހާސިލްކުރާ ޝަރަފުއްދީން ސްކޫލްގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތު މީހެއްގެ ވަޒީފާ އަދާކޮށްފައިވާ މީހެކެވެ.

އޭނާގެ މައްޗަށް ދަޢުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމަވާފައިވަނީ އެކަށީގެންވާ މިންވަރަށް ހެކި ނެތްކަމަށް ކަނޑައެޅުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން