ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ލައިވް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ މއ. ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ މައްސަލައިގައި މާދަމާއަށް ތާވަލުކޮށްފައިވާ އަޑުއެހުން އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރާނެ ކަމަށެވެ.

އެ މައްސަލަ ލައިވްކޮށްދިނުމަށް ހުށަހެޅުއްވީ ރައީސް ޔާމީނެވެ. އެމައްސަލައިގެ އަޑުއެހުންތަކުގައި ދަޢުލަތުން ބުނެފައިވަނީ ދައުލަތުގެ ސްޓޭންޑަކީ ކޮރަޕްޝަންގެ ހުރިހާ މައްސަަލައެއްވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުންކަމަށެވެ.

މި މައްސަލަ ވަގުތުން ދުރަށް ދައްކައިގެން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ވަކީލުން ތަކުރާރުކޮށް އެދެމުންދާތީ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަހްމަދު ޝަކީލް ވިދާޅުވީ މައްސަލައިގެ ޝަރީއަތުގެ މަރުޙަލާތައް ފެށެންވާއިރަށް މި މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމަށް މަސައްކަތް ކުރަށްވާކަމަށެވެ.

މާދަމާ 1:00 ގައި ލައިވްކުރާ މައްސަލައަކީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން އެއްމިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ނަންގަވައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެެވެ.

ވ.އާރަށުގެ އިތުރުން ފުއްގިރި ކުއްޔަށް ދިން މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދަށުވާ އުފުލާފައެވެ. އެ ދެ މައްސަލަ ކުރިއަށްގެންދަނީ ވަކިވަކިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން