ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، މިނިސްޓަރު ޝާހިދު ސައުދީއަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓަރު، އަމީރު ފައިސަލް ބިން ފަރުހާން އާލް ސައުދުގެ ދައުވަތަކަށް ކަމަށެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ މެދުގައި ރަސްމީ ވާހަކަތައް ވަނީ ކުރިޔަށް ގެންދަވާފައެވެ. ސައުދީގެ ފޮރިން މިނިސްޓަރާއިއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި، ސައުދީގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން، އެކި ކަންކަމުގައި ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ. ސައުދީ ސަރުކާރުން ރާއްޖެއާއިމެދު ބަހައްޓަވާ ގާތްކަމަށާއި ވެދެއްވާ އެހީތެރިކަމަށްޓަކައި މި ބައްދަލުވުމުގައި ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ފޮނުއްވި ސިޓީފުޅެއް ޝާހިދު ވަނީ، ސައުދީގެ ފޮރިން މިނިސްޓަރާއި ހަވާލު ކުރައްވާފައެވެ.

ރާއްޖެއާއި ސައުދީއަކީ ޒަމާނުއްސުރެ އެކުވެރި ދެ ގައުމެވެ. ސައުދީން ވަނީ ރާއްޖޭގައި ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން