ރާއްޖޭގެ އެންމެ ގިނަ ސަޕޯޓަރުންގެ ލޯބި ލިބިފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން އުވާލެވޭނެ މަގެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ދައްކައިފިއެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވަނީ ނިއުގެ ސަސްޕެންޝަނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އަދި މި ބައްދަލުވުމުގައި އެފްއޭއެމުން ވަނީ ނިއުގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެކްސްކޯއަށް ދީފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު މީޑިއާތަކަށް މިއަދު ވިދާޅުވީ، އެގޮތަށް ނިންމީ، ކުރިން އޮތްގޮތުންނަމަ، އެ ކްލަބުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ދައްކައިފި ހިނދެއްގައިވެސް ކްލަބްގެ ސަސްޕެންޝަން އުވާލެވޭނީ އެފްއޭއެމްގެ ކޮންގްރެސްއަކުން ކަމަށް އޮންނާތީކަމަށެވެ. އޭނާ ވިދާޅުވީ، އެފްއޭއެމާ ގުޅިގެން ނިއު އިން އަންނަނީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަން ބަލަމުން ކަމަށާއި، އެ ފައިސާ ދައްކާ ނިމުމުން ސަސްޕެންޝަން އުވާލެވިދާނެކަމަށެވެ.

"އެކްސްކޯއަށް ސަސްޕެންޝަން އުވާލުމުގެ ބާރު ދިނީ އަނެއްކާވެސް އަންނަ އަހަރު އޮންނަ ކޮންގްރެސްގައި މިކަމަށް ގޮތެއް ނިންމާނަމަ މުއްދަތު އިތުރުވާތީ އެންމެ ލުއިގޮތަކަށް އެކަން ނިންމުމަށް." ބައްސާމް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ގިނަ ސަޕޯޓަރުންގެ ލޯބި ލިބިފައިވާ ނިއުއަށް ދިމާވި ދަތި ހާލަތުން ނަގާ އެ ކްލަބް ކޮޅަށް ޖެހުމަށް ގިނަ ބަޔަކު ގުޅިގެން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ނިއުރޭޑިއަންޓުން ވަނީ އެ ކްލަބުގެ އާ އިންތިހާބެއް މިދިޔަ މަހުގެ ފަހުކޮޅު ބާއްވައި، ކްލަބުގެ ޗެއާމަނަކަށް އަޙްމަދު ވާސިފް އިންތިހާބުކޮށްފައެވެ. މިއާއެކު، އެ ކްލަބުގެ ދަރަނިތައް ދައްކާ އަލުން ފުޓުބޯޅައިގެ ތެރެއަށް ވަނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ބައެއް ވާދަވެރިންގެ ނުފޫޒުން ނިއުރޭޑިއަންޓް ވުޖޫދުން ގެއްލުވާލި ނަމަވެސް ނިއުރޭޑިއަންޓް އެނބުރި އައިސް، ފިޔަގަނޑު ދަމާލަން އެންމެ ބޮޑު ހިތްވަރެއް ދެއްވާފައިވަނީ ރައީސް ޞާލިޙްކަމަށް ނިއުގެ އައު ހިންގާ ކޮމިޓީން މީގެކުރިން ވަނީ ބުނެފައެވެ. އެގޮތުން އެ މަސައްކަތުގައި ރައީސްގެ މަންދޫބެއްގެ ގޮތުން ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ހަމަޖައްސަވާފައިވާ ކަމަށް ވެސް އެ ކޮމެޓީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން