މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް
ލައިޓެއް ނެތިގެން ނުކުޅެވި ތިބުމުގެ ވިސްނުން ނިމުމަކަށް އަންނަންޖެހޭ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު، ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ލައިޓެއް ނެތިގެން ދަނޑެއްގައި ނުކުޅެވުމަކީ މަޖިލީހުގައި މިނިސްޓަރާ ސުވާލުކުރެވެންޖެހޭ ކަމެއްގެ ގޮތުގައި މެންބަރުން ގެންގުޅުއްވާ ވިސްނުން ދޫކޮށްލައްވަން ޖެހޭ ކަމަށެވެ.

މެންބަރު ސަޢީދު ސުވާލުކުރެއްވީ ލ.މާވަށުގެ ފުޓްސެލް ދަނޑުގެ ޓާފް އެއްކޮށް ހަލާކުވެފައިވާތީ މިކަން ހައްލުކޮށްދެވޭނީ ކޮންއިރަކުތޯ އާއި، މާވަށުގެ 2 ވޮލީ ކޯޓާއި ފުޓްސެލް ދަނޑުގެ ލައިޓުތައް ހަލާކުވެ ނުދިއްލޭތީ ލައިޓުތައް އަލުން ޖަހައިދެވޭނެ ތާރީޚާ ގުޅޭ ގޮތުންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރ މަޙްލޫފް މިއަދު ވިދާޅުވީ ރަށްރަށުގެ ދަނޑުތަކުގެ މައްސަލައަކީ ކައުންސިލްތަކަށްވެސް ހައްލު ކުރެވޭވަރުގެ މައްސަލައެއް ކަމަށެވެ. އޭގެ އިތުރުން ދަނޑުތަކުގެ ލައިޓެއް ނުދިއްލިގެން މިނިސްޓަރާއި ހިސާބަށް އެކަން ގެނެސް މަޖިލީހުގެ ތަޅުމުގައި ލައިޓަކާ ގުޅޭގޮތުން ކުރެވޭ ސުވާލުތަކަށް ނިމުމެއް އަންނަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފުޓްސަލް ދަނޑުގެ ލައިޓް އަނދާފައި ހުރީމާ ނުކުޅެވި، ވޮލީކޯޓުގެ ލައިޓެއް ނެތިގެން ނުކުޅެވި ތިބެންޖެހޭ ވިސްނުން ހަގީގަތުގައިވެސް އެބަ ޖެހޭ ނިމުމަކަށް ގެންނަން." މިނިސްޓަރ މަޙްލޫފް މިއަދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާވަށު ފުޓްސަލް ދަނޑުގެ މަރާމަތުގެ ރިކުއެސްޓް ކައުންސިލުން ލިބިފައިވާ ކަމަށާއި، ނަމަވެސް އެކަމަށް ބަޖެޓް ކުރެވިފައި ނެތް ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ބައްލަވާނެކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ބަޖެޓް އިތުރުކޮށްގެންވެސް މިފަދަ ކުދިކުދި މައްސަލަތަކަށް ހައްލު ހޯދެންވާނެ ކަމަށާއި ލައިޓް ނުދިއްލުންފަދަ ކުދިކުދި ކަންތައް މިނިސްޓަރާއި ހިސާބަށް އައުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް މަޙްލޫފް މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން