މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް
ފުޓްސަލް ކުޅެން ދަނޑުލިބެނީ 6400 ރުފިޔާއަށް ކަމަށާއި އެކަމަށް ޙައްލެއް ހޯއްދަވާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވީ މާލޭގައި ފުޓްސަލްދަނޑުތައް ކުއްޔަށް ދޫކުރަނީ ބޮޑު އަގެއްގައި ކަމަށާއި އެކަމަށް ޙައްލެއް ހޯއްދެވުމަށް މަސައްކަތް ކުރަށްވަމުންގެންދަވާ ކަމަށެވެ.

މަޙްލޫފް މިއަދު ވިދާޅުވީ މާލޭގެ ކްލަބް ޖަމިއްޔާތަކުން ތަރައްޤީކޮށްފައިވާ ފުޓްސަލްދަނޑުތަކަށް މިހާރު ހަފްތާއަކު ދެދުވަހު ކުޅެންދަނީވެސް 6400 ރުފިޔާ ދައްކައިގެން ކަމަށާއި ބައެއް ދަނޑުތަކުން 9000 ރުފިޔާވެސް ނަގާ ކަމަށެވެ.

އެހެންކަމުން ފުޓްސަލް ދަނޑުތައް ސަރުކާރަށް ނެގުމަށް ކަމާގުޅޭ ފަރާތްތަކާ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި އެ މައްސަލަ ހައްލުކުރެވޭނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށާއި މުސްތަގުބަލްގައި ފުޓްސަލް ދަނޑުތައް ކުއްޔަށް ނެގޭނީ އޮންލައިންކޮށް ބުކިން ހައްދައިގެން ކަމަށްވެސް މަޙްލޫފް މިއަދު ވިދާޅުވިއެވެ.

މާލޭގެ ހުރިހާ އަވަށެއްގައި ފުޓްސަލް ދަނޑުތައް ހަދާފައިވާއިރު އެ ދަނޑުތައް ތަރައްޤީކޮށްފައިވަނީ މާލޭގައި ހިންގާ ކުލަބް ޖަމިއްޔާތަކުން ޚަރަދު ކޮށްގެންނެވެ. އެހެންކަމުން ދަނޑުތައް ކުއްޔަށް ދީގެން ލިބޭ އާމްދަނީ ޖަމާވަނީ އެ ދަނޑެއް ތަރައްގީކުރި ކްލަބް ޖަމިއްޔާ އަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން