ޗައިނާއާއި ޓައިވާން ވަކިކޮށް، ޓައިވާން މިނިވަންކުރަން މަސައްކަތް ފަށައިފިނަމަ ހަމަލާތައްދީ، ހަނގުރާމައެއް ފަށަން ކުޑަކޮށްވެސް ފަސް ނުޖެހޭނެކަމަށް ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ދިފާއީ ވަޒީރު މިހެން ވިދާޅުވީ، ސިންގަޕޫރުގައި މިހާރު ކުރިއަށްދާ "ޝަންގްރިއްލާ ޑައިލޮގް ސެކިއުރިޓީ ސަމިޓް"ގެ ހަވާސާގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންއާއެކު ބޭއްވި ބައްދަލުވުމުގައެވެ.

"ޗައިނާއާއި ޓައިވާން ވަކިކުރަން އެއްވެސް ބަޔަކު މަސައްކަތްކޮށްފިނަމަ، ކިތަންމެ ބޮޑު އަގެއް ދައްކަން ޖެހުނުނަމަވެސް ހަނގުރާމައެއް ފަށަން ޗައިނާ ފަހަކަށް ނުޖެހޭނެ. ޗައިނާގެ ސަލާމަތާއި އިސްތިގުލާލަށް އެ ނޫން ގޮތެއް ނޯންނާނެ" އެމެރިކާގެ ޑިފެންސް ސެކްރެޓަރީއާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ޗައިނާގެ ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގް ވިދާޅުވީ، ޓައިވާނުން މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތްތައްވެސް ކާމިޔާބެއް ނުވާނެކަމަށާއި، އެފަދަ ކޮންމެ ރޭވުމެއް ނެތިކޮށްލާނެކަމަށެވެ. އަދި ޓައިވާނަކީ އަބަދުވެސް ޗައިނާގެ ޓައިވާންކަމަށާއި، ޓައިވާން ބޭނުންކޮށްގެން ޗައިނާ ކޮންޓްރޯލްކުރުމަށް ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާއަކީ ޓައިވާންގެ ބައެއްކަމަށް ޒަމާނުއްސުރެވެސް އެމެރިކާއިން ގަބޫލުކުރެއެވެ. އަދި އެ ސިޔާސަތު ބަދަލުނުވާކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވަނީ މި ބައްދަލުވުމުގައި ޗައިނާގެ މިނިސްޓަރަށް ދަންނަވާފައިކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް ޗައިނާއިން ގެންގުޅޭ މިލިޓަރީ ހަރުކަށި އުސޫލުތައް ބަދަލުކުރުމަށް އެމެރިކާގެ ދިފާއީ ވަޒީރު ވަނީ މި ބައްދަލުވުމުގައި ގޮވާލައްވާފައެވެ.

އެމެރިކާއާއި އެމެރިކާއަށް ވާގިދޭ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނީ ޗައިނާގެ މިލިޓަރީ ނުވަތަ ޕީޕަލްސް ލިބަރޭޝަން އާމީގެ ފަރާތުން މިފަހަކަށް އައިސް ފެންނަ ބައެއް މަންޒަރުތަކުންނެވެ. އެގޮތުން މައްސަލަ ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑު ކައިރިން ދަތުރުކުރާ އެހެން ގައުމުތަކުގެ ވަޔާއި ކަނޑު އުޅަނދުތަކަށް ބިރު ދެއްކުމުގެ އަމަލުތައް ޗައިނާއިން ހިންގާކަމަށް އެ ގައުމުތަކުން ބުނެއެވެ.

ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް މުޅި ދުނިޔެއިންވެސް ގަބޫލުކުރާއިރު، އެމެރިކާއިން ޓައިވާނަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ކުރާ މަސައްކަތުގެ ސަބަބުން ޗައިނާއާއި އެމެރިކާއާ ދެމެދު ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އަދި އެމެރިކާގެ ވެރިކަމާއި ޖޯ ބައިޑަން ހަވާލުވެވަޑައިގެންނެވި ފަހުން ޓައިވާނަށް ހަތިޔާރު ވިއްކުމަށް އެމެރިކާއިން އިއުލާންކުރި 120 މިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ސަބަބުން މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެމެރިކާއާއި ޗައިނާގެ ދިފާއީ ވަޒީރުންވެސް ބޭއްވެވި ބައްދަލުވުމުގައި ޗައިނާގެ ދިފާއީ ވަޒީރު ވަނީ އެމެރިކާގެ އަމަލަކީ ޗައިނާގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމުގެ މަސްލަހަތަށް އެމެރިކާއިން އިހްތިރާމް ނުކުރުންކަމަށް ސިފަކޮށްފައެވެ.

ޓައިވާނަކީ 1959 ވަނަ އަހަރު ޗައިނާގައި ކޮމިއުނިސްޓު ވެރިކަން ގާއިމުވުމުން އޭރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ނެޝަލިސްޓުން ފިލަން ދިޔަ ކުޑަ ޖަޒީރާ ރަށެކެވެ. އަދި އެ ރަށުގައި އެމީހުން ގާއިމްކުރި ދައުލަތަށް ރިޕަބްލިކް އޮފް ޗައިނާގެ ނަން ދިނެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެއި މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާންކޮށްފައިވާ ގައުމެއް ނޫނެވެ. ދުނިޔެއިން ބަލައިގެންފައިވަނީ ޗައިނާއެވެ. ނުވަތަ ރަސްމީ ނަމުންނަމަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ.

ސިޔާސި އަދި މިލިޓަރީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޗައިނާގެ ދަށަށް ޓައިވާން ގެންދިއުމުގެ މިލިޓަރީ އޮޕަރޭޝަނަކަށް ޗައިނާ އޮތީ ފުރިހަމައަށް ތައްޔާރުވެފައެެވެ. އެކަން ކުރާނެ ސީދާ ދުވަހެއް ނޭނގުނަސް، ރަޝިޔާއިން ގޫކްރެއިންނަށް އަރައިގަތުމަކީ ޗައިނާއިން އެ މަސައްކަތް ފަށަން ލިބޭނެ އިތުރު ހިތްވަރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން